މަތިވެރި ކައިރީގައި އޮތް މަތިވެރި ފިނޮޅު އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.
ރައީސް ސޯލިހް އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރި ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލްވުމުގައި ކައުންސިލުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާއި ހިއްސާކޮށްފައެވެ.
މަތިވެރި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ ރަށުގެ ބިމުގެޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އޮތް ދަތިތަކެވެ. އަދި މަތިވެރީގައި ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ބިމުގެ ޖާގައިގެ ދަތިކަމެވެ. ރައީސް ސޯލިހް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު ހިމަނައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޓީސީސީއަށް ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން ދެއްވައިގެން މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސިއްހީ ހިދުމަތް ދޭ ވަގުތު އިތުރު ކުރުމާއި ސްކޫލްގައި 11 އަދި 12 އަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސުމަށްވެސް އެދިފައިވެއެވެ. އަދި ރަށުގެ ކައިރީގައި އޮތް މަތިވެރި ފިނޮޅު ރަށުގެ އިހްތިސާސުގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. ރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗާތަކާއި ރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކޮށް ދިނުމަށްވެސް އެދިފައިވެއެވެ.