ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ދެ ޖިންސުގެ ވިސްނުން މުހިއްމު ކަމަށާއި ވަކިން ހާއްސަކޮށް އަންހެންގެ ވިސްނުމާއި ބައިވެރިވުން މުހިއްމު ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރިއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރުގައި ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށްޓަކައި އަންހެނުންނާއި ފިރިހިެނުންގެ ވިސްނުންވެސް އެއްކުރުމަކީ ވަރަށް މުހިއްމު ކަމަށެވެ.
"އާބާދީގެ 50 ޕަސެންޓަކީ އަނެހެނުން. އެމީހުންގެ ވިސްނުން ނެތިއެއް ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ. އަދި މުޖުތަމައެއްވެސް ނުކުރެވޭނެ." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ކުދި ރަށްތަކަކީ ވޭތުވެ ދިޔަ ސަރުކާރުގެ ރާޑަރަށް ނާރާ ރަށްތައް ކަމަށާއި އެހެންނަމަވެސް މިސަރުކާރުން ވާނީ އެރަށްތަކުގައިވެސް އަސާސީ އަދި ތަރައްގީގެ އެތައް މަޝްރޫއުއެއް ހިންގަވާފައި ކަމަށް ރައީސް ސޯލިހު ވިދާޅުވީ އެވެ. މި ސަރުކާރުން ވާނީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އެކުލެވޭ މައިގަނޑު ސިޔާސަތުތައް ފުއްދައި ދީފައި ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދައުރުގައި ނުނިމިހުރި ހުރިހާ މަޝްރޫއުއެއް ނިންމައިދޭނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުސާރަތައް ފަދައިން ސިވިލް ސާވިސް އަދި ކައުންސިލްތަކުގެ މުސާރަތައް ވެސް ބޮޑުކުރެވިގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން މި ފަސް އަހަރު ތެރޭގައި އެޅި ބިންގަލުގެ މަތީގައި ތަފާތު ބޮޑު ބަދަލުތަކެއް ރަށް ރަށަށް އަންނަތަން ފެންނާނެ،" މި ސަރުކާރުން ކުރިއަށް އޮތްތާ ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކަށް އިޝާރާތްކޮށް އެމަނިކުފާނު ވިދާޅުވި އެވެ.
މަތިވެރިއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މަތިވެރި ފިނޮޅުން ރަށު ކައުންސިލަށް ފައިދާ ނުވާ މައްސަލައަށް ސަރުކާރުން މިހާރު ވާނީ ހައްލު ހޯދައިދީފައި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ކުރިއަށް އޮތް ދައުރުގައި މަތިވެރީގައި ހައުސިން ޔުނިޓް އެޅިގެން ދާނެ ކަމަށާއި، ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅައިދިނުމަށްވެސް ރައީސް ވައުދުވެވަޑައިގަތެވެ. މ،ީގެ އިތުރުން ޒުވާނުންނަށް ހޭންޑްބޯލް ކޯޓަކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަދި ސްކޫލަށް ބޭނުންވާ އާ އޮފީސް އިމާރާތާއި ލެބް އިމާރާތް ކުރެވި، ހެލްތް ސެންޓަރުން 24 ގަޑިއިރު ހިދުމަތް ލިބޭ ނިޒާމު ހަމަޖެހި އެތަނުން އިތުރު ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މަތިވެރީގައި އާ އިންޖީންގެއެއްގެ އިތުރުން ދޯނި އެހެލާ ތަނެއްވެސް ހަދައިދޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.