މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

Oct 21, 2021

ބ. ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑަށެވެ.

އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ޖޯގަން ފެލްޑް ބޯގް ސްކާރަޕެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ހަމީދެވެ.

މިމަޝްރޫއަށް 14.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯޓާއާއި 150 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމުކުރާނެ ކަމަށެވެ. ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށަށް ފަސްއެޅުމަށް ވެސް ހިމެނެ އެވެ.

ކުޑަރިކިލު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑް ކުންފުނިން ގެންދަނީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.