ހައުސިން މިނިސްޓްރީ

ފްލެޓުން 15 ޕަސެންޓް ޓެކްސް ނަގާ އިސްލާހު ތަސްދީގުކޮށްފި

ފްލެޓް ވިއްކާ އިރު 15 ޕަސެންޓް ޓެކްސް ނެގުމަށް، ބިމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ. އެއާ އެކު ފްލެޓް ގަންނަން ހިންގޭ މުއާމަލާތްތަކުން މިއަދުން ފެށިގެން 15 ޕަސެންޓް ޓެކްސް ސަރުކާރަށް ދައްކަން ޖެހޭނެ އެވެ.

ރައީސް މިއަދު ތަސްދީގު ކުރި އެ އިސްލާހުގައިވާ ގޮތުގައި، ބިންބިމާއި ގޯތި ވިއްކުމުގައި އަމަލު ކުރަން ޖެހޭނީ ހައުސިން މިނިސްޓްރީ އިން ކަނޑައަޅައި ގަވާއިދެއް ނޫނީ އުސޫލެއްގެ ދަށުންނެވެ. މީގެ އިތުރަށް އެއްމެދު އިމާރާތަކުން ފްލެޓު ގަންނަ ފަރާތަކީ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި ކުންފުންޏަކުން ނޫނީ ޖަމްއިއްޔާއަކުން އެފަދަ ފްލެޓެއް ގަންނަން ނަމަ، އެތަނެއްގެ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ވާން ޖެހޭ ކަމަށް އެ އިސްލާހުގައިވެ އެވެ. އެ އިސްލާހު އިއްޔެ ވަނީ ގެޒެޓް ވެސް ކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ. އެ އިސްލާހު ފާސްކުރުމަށް މަޖިލީހުގައި ނެގި ވޯޓްގައި 42 މެންބަރުން ވަނީ ބިލް ފާސްކުރަން ވޯޓު ދީފަ އެވެ.

ފްލެޓް ޓެކްސް ނެގުމުގެ އިސްލާހު ފާސްކުރީ ރިއަލްއެސްޓޭޓްގެ ދާއިރާގެ ވިޔަފާރިވެރިން އެކަމާ ދެކޮޅު ހަދަނިކޮށެވެ. އެފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ އިމާރާތް ކުރުމުގެ އަގު އެ ޓެކްސްގެ ސަބަބުން ބޮޑުވެ، ތަންތަނުގެ ކުލި ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން އޮތީމަ އެވެ. އެހެން ނަމަވެސް ސޯޝަލް ހައުސިންގެ ފްލެޓްތައް ވިއްކާ އިރު މި ޓެކްސް އިސްތިސްނާވެ އެވެ.