ހަބަރު

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިންނެވެ. އެ ގޮތުން މިއަދު ހަވީރު ކާނިވާ ސަރަހައްދުގައި ޕެޓިޝަންގައި ސޮއި ކުރުން ކުރިއަށް ދާނެ އެވެ.

އެމްޓީޔޫގެ އޮފިޝަލަކު ވިދާޅުވީ އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ސޮޔާއެކު މަޖިލީހަށް ޕެޓިޝަން ހުށަހަޅަން ކަމަށާއި މިއަދު ހަވީރު ކާނިވާ ސަރަހައްދުގައި ފަށާ ހަރަކާތަކީ ޕެޓިޝަންގައި ސޮއި ކުރަން ފަށާ ހަރަކާތެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ދޮރުން ދޮރަށް ހިނގައިގެން ވެސް ޕެޓިޝަނަށް ސޮއި އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"މިއީ މާލޭގައި އުޅޭ ގިނަ މީހުނަކީ ކުއްޔަށް ދިރިއުޅޭ މީހުން ކަމުގައިވާތީވެ، މީހުންގެ އާމްދަނީއާ ނުބައްދަލަށް މާލޭގެ ކުލި ވެސް ބޮޑުވަމުންދާތީވެ، އެ މީހުންގެ އަޑު ސަރުކާރަށާއި މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ފެށި މަސައްކަތެއް، މި ކަން ހައްލު ކުރަން ކުލި ކޮންޓްރޯލް ކުރަން ގިނަ ބަޔަކު އެދެމުންދާ ކަން އަންގައިދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް އޮންނަ ޑިމާންޑް ކުޑަ ކުރުމެވެ. އެމްޓީޔޫން އިން ބުނީ މިހާތަނަށް އައިއިރު އެ ކަމަށް އަމަލީ މަސައްކަތެއް ކުރި ތަނެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން އެދެނީ ސީދާ ކުލި ކޮންޓްރޯލް ކުރަން ކަމަށެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރާއިރު، މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މައްދާގައި ބުނާ ގޮތުން މުޖުތަމައުގެ އާންމު ހާލަތު މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނުވަތަ މަޖިލީހުގައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އާންމުންގެ ވިސްނުން ހާމަ ކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެ ކަމަށެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅެމުގެ މަސައްކަތް ފަށާފައި މިވަނީ، ސަރުކާރުގެ ފަރާތުން ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ. އެކަމަކު ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެ އެވެ.