ބޮލީވުޑް

ލަލީތާ ޕަވާރްގެ ހަޔާތް: ފިލްމަކަށް ދުލެއް ނުކުރޭ!

ފިލްމުތަކުން ފެންނަ ބައެއް ކެރެކްޓާތައް މުޅި އުމުރަށް ވެސް ހަނދާނުގައި ހުރެ އެވެ. އެއީ ހީރޯ އަކަށް ވިޔަސް ނުބައިބައި ކުޅޭ މީހަކަށް ވެސް ބައެއް މީހުންގެ ހަނދާންތަކެއް ފިލްމު ބަލާ މީހުންގެ ހިތަކުން ފިލައިގެނެއް ނުދެ އެވެ. ލަލީތާ ޕަވާރް އަކީ އެފަދަ ބަތަލާ އެކެވެ. ކުރީ ޒަމާނުގެ ގިނަ ފިލްމުތަކެއްގައި ނުބައިބައި ކުޅެފައިވާ ލަލީތާ ޕަވާރް މިހާރު ވެސް ގިނަ ބަޔަކަށް އެނގެ އެވެ. އޭނާގެ ނަން ބުނުމާއެކު އެއީ ކާކުކަން އެނގޭ މީހުން މިހާރު ވެސް ވަރަށް ގިނަ އެވެ.

"އަނާޅީ"، "ޝްރީ 420" ފަދަ ކުރީގެ ގިނަ ފިލްމުތަކެއްގައި ލަލީތާ މަސައްކަތް ކޮށްފައި ވެއެވެ. އޭނާގެ ކުޅުނު ފިލްމުތަކުގައި އަދާކުރި ރޯލުތައް ގިނަ ބަޔަކަށް އެނގުނަސް އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް އެނގެނީ މަދު ބަޔަކަށެވެ.

ލަލީތާ އުފަންވީ އޭޕްރީލް 18، 1916 ވަނަ އަހަރު އެވެ. އުމުރުން އެންމެ ނުވަ އަހަރުގައި ފިލްމު ކުޅެން ފެށި ލަލީތާ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި 1988 އަށް ވަނަ އަހަރާ ހަމައަށް ދެމި ހުއްޓެވެ.

ލަލީތާގެ ފިލްމީ ކެރިއަރު ވަރަށް އޮމާންކޮށް ކުރިއަށް ދަނިކޮށް 1942 ގައި ދިމާވި އެކްސިޑެންޓަކާ ގުޅިގެން އޭނާގެ ކެރިއަރާއި ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. ފިލްމު ޖަންގް-އޭ-އާޒާދީގެ ޝޫޓިންގްގައި އެ ފިލްމުގެ ބަތަލު ބަގްވާނު ދާދާ ލަލީތާގެ މޫނުމަތީގައި ޖަހާ މަންޒަރެއް ޝޫޓް ކުރިއިރު ބަގްވާނު ދާދާއަށް ޖެހުނުލެއް ބާރު ކަމުން ލަލީތާގެ ކަންފަތުން ވަގުތުން ލޭ އަންނަން ފެށި އެވެ. އޭނާގެ ލޮލާއި ވަރަށް ކައިރީގައި އިން ނާރެއް ފަޅައިގެން ގޮސްގެންނެވެ. ވަގުތުން އެނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އޭނާގެ ކަނާތްފަޅިން އެއްކޮށް ވާގި ދިޔައީ އެވެ. އަދި އެގޮތަށް އެއް ފަޅި ވާގި ގޮސްފައި އެތައް އަހަރަކު ލަލީތާ އޮތެވެ.

ލަލީތާ ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ބަތަލާއެއްގެ ގޮތުގައި އޭނާގެ ކެރިއަރު ކުރިއަރަމުން ދަނިކޮށް ދިމާވި މި އެކްސިޑެންޓްގެ ސަބަބުން ކެރިއަރު ވަޅު ޖެހީ އެވެ. އަދި އޭގެ ފަހުން އޭނާގެ މޫނުގެ އެއްފަޅި ވާގިނެތި ވާތު ލޮލަށް ރަނގަޅު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބުނީ ކަމަށް ލަލީތާ ބުންޏެވެ.

އެކްސިޑެންޓަށް ތިން އަހަރު ފަހުން ލަލީތާ އަށް އަނެއްކާވެސް ހިނގާ ބިނގާވެ އާދައިގެ ދިރިއުޅުމެއް އުޅެވޭވަރު ވީނަމަވެސް މޫނުގެ ސިފަ ގެއްލި ފިލްމުތަކުގެ ލީޑް ރޯލުތައް ލިބުން ހުއްޓުނެވެ. ދެން އޭނާ މުޅިން ވެސް ކުޅެފައިވަނީ ސަޕޯޓިން ރޯލުތަކެވެ. ގިނަ ފަހަރަށް އޭނާއަށް ކުޅެން ލިބިފައިވަނީ ނުބައިބައި ރޯލުތަކެވެ.

ލަލީތާގެ އިންޓަވިއުގައި އޭނާ ބުނެފައިވާ ގޮތުގައި އެކްސިޑެންޓުން ރަނގަޅު ވެގެން އެނބުރި ފިލްމީ މަސައްކަތަށް ނުކުތްއިރު އޭނާއަށް އެންމެ 25 އަހަރެވެ. ނަމަވެސް އޭގެ ފަހުން އޭނާއަށް މުޅިން ވެސް ލިބިފައިވަނީ ވަރަށް އުމުރުން ދުވަސްވީ މީހުންގެ ރޯލު ތަކެވެ. ޚާއްސަކޮށް ފިލްމުގެ ބަތަލުގެ މަންމަގެ ރޯލު ތަކެވެ. ގިނަ ފަހަރަށް ފިލްމުގައި އުޅޭ ބަތަލަށް ވުރެ ލަލީތާ އުމުރުން މާ ހަގު ނަމަވެސް އޭނާއަށް މަންމަގެ ރޯލު ކުޅެން ޖެހެ އެވެ.

"އަޝޯކް ކުމާރު، ދިލިޕް ކުމާރު، ދޭވް އާނަންދް ފަދަ އެކްޓަރުންނަށް ވުރެ އަހަރެން ހަގު. އެހެން ނަމަވެސް އެމީހުންގެ މަންމަގެ ރޯލުތައް ވެސް އަހަރެން ކުޅެފައި ވާނެ. އެއްގޮތަކުން އެކްސިޑެންޓް ވުން ވެސް އެއީ ރަނގަޅު ކަމެއް. އެހެން ނޫންނަމަ އަބަދުވެސް އަހަރެން ކުޅޭނީ ބަތަލާގެ ރޯލު. އެހެން ތަފާތު ރޯލުތައް ކުޅޭނެ ފުރުސަތެއް ނުލިބުނީސް،" ލަލީތާގެ އިންޓަވިއު ގައި ބުނެފައި ވެއެވެ.

ލަލީތާގެ ފިލްމުތަކާ އެއްވަރަށް އޭނާގެ ޒާތީ ދިރިއުޅުމުގައި ވެސް ބޮޑެތި އިމްތިހާނުތަކާ ކުރިމަތިވި އެވެ. ޑައިރެކްޓަރު ގަންޕަތުރާއޯ ޕަވާރް އާއި ލަލީތާ ކައިވެނި ކުރީ 1930 ގެ އަހަރު ތަކުގަ އެވެ. ވަރަށް އޮމާން އުފާވެރި ކައިވެންޏެއް އެ ދެ މީހުން ފުރަތަމައިނުން އުޅެމުން ދިޔަ އެވެ. އަދި ފިރިމީހާ އުފެއްދި ގިނަ ފިލްމުތަކެއްގައި ވެސް ލަލީތާ މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހުންގެ ޒަވާޖީ ހަޔާތަށް ބޮޑު ތޫފާނެއް ކުރިމަތިވީ ފިރިމީހާ ބޭވަފާތެރިވީކަން ލަލީތާ އަށް އެނގުނު ހިސާބުންނެވެ. ފިރިމީހާ ލޯބީގެ ގުޅުން ބޭއްވީ ލަލީތާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާ ކަން އެނގުނު ހިސާބުން އެ ކައިވެންޏަށް ނިމުން އައީ އެވެ. އެންމެ ފަހުން ލަލީތާގެ ފިރިމީހާ އޭނާ ވަރިކޮށްފައި އޭނާގެ ކޮއްކޮ އާ ކައިވެނި ކުރީ އެވެ.

އޭގެ ފަހުން ވެސް ލަލީތާ ކައިވެނިކުރީ ފިލްމު ޑައިރެކްޓަރަކާ އެވެ. ރާޖް ކުމާރު ގުޕްތާ އާއި ލަލީތާއަށް ފިރިހެން ދަރިއަކު ލިބުނެވެ. ޖައި ޕަވާރް އެވެ. ޖައިއަކީ ފިލްމު ޕްރޮޑިއުސަރެކެވެ.

ލަލީތާ ޕަވާރް މަރުވީ އަނގަޔަށް ކެންސަރު ޖެހިގެންނެވެ. ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ވަރަށް ވޭނުގައި އުޅުނުއިރު ލަލީތާ ގަބޫލުކުރީ އޭނާއަށް މިހާ ގަދަފަދަ ވޭނުގައި އުޅެން ޖެހެނީ އޭނާ ކުޅުނު ފިލްމުތަކުގައި ނުބައިބައި ރޯލުތައް ކުޅެފައިވާތީ ކަމަށެވެ.

ލަލީތާ މި ދުނިޔެ ދޫކުރީ ފެބްރުއަރީ 24، 1998 ގައި ޕޫނޭގައި ހުންނަ އޭނާގެ ބަންގްލޯ އެވެ. އޭނާ މަރުވީ އެކަނި މާއެކަނި އޮވެ އެވެ. އާއިލާގެ އެއްވެސް މީހަކު އޭނާ ކައިރިއަކު ނެތެވެ.

ދަރިފުޅު ވެސް އުޅެނީ މާ ދުރު ހިސާބެއްގަ އެވެ. މަންމައަށް ގުޅައިގެން ޚަބަރެއް ނުވުމުން ދަރިފުޅާއި އާއިލާގެ މީހުން އެގެއަށް އައިސް ބެލިއިރު ލަލީތާ މަރުވެފައި އޮންނަތާ ތިން ދުވަސްވެ މީހާ އޮތީ މުޅިން ކުނިވެ ފުޅަ އަޅާފަ އެވެ.