ސްޓެލްކޯ

ސްޓެލްކޯ އިން އެސެމްބަލް ކުރި ފުރަތަމަ ޖަނަރޭޓަރު ހަންޏާމީދޫއަށް

Oct 22, 2021
3

ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯ އިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންޏާމީދޫ އަށް ގެންގޮސްފި އެވެ.

ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯ މިމަހުގެ ހަތަރުވަނަ ދުވަހު އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

ހަންޏާމީދޫ އަށް ގެންދިޔަ ޖަނަރޭޓަރު ސެޓަކީ 300 ކޭވީއޭ 300 އެސްޓީޑަބްލިއު މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން މިހާރު ވަނީ އެސްޓީޑަބްލިއުގެ ތިން މޮޑެލެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ 300 އެސްޓީޑަބްލިއު، 600 އެސްޓީޑަބްލިއު އަދި 800 އެސްޓީޑަބްލިއު އެވެ.

ސްޓެލްކޯ އިން ބުނީ އެ މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް ލޯކަލް ވޮރަންޓީއާއި، އާފްޓަސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވާނަމަ އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދިނުމަށް ނިންމާފައިވެ އެވެ.

ސްޓެލްކޯ އިން ބުނީ ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް އެ ކުންފުނީގެ އިންޖިނިއަރުންނަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވާތީ ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތެއް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެވޯގެ އެސްޓީޑަބްލިއު މޮޑެލްގެ ޖަނަރޭޓަރު ތަކަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖަނަރޭޓަރުތަކާ އެއް ފެންވަރުގެ ޖަނަރޭޓަރުތަކެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނަރޭޓަރު ތަކެއް ކަމަށެވެ.

"ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ. ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ،" މުޣުނީ ވިދާޅުވި އެވެ.