ޕީޕީއެމް

އިދިކޮޅު ހިނގާލުން ސުލްހަވެރިކަމާ އެކު ނިންމާލައިފި

Oct 22, 2021
13

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި ހިނގާލުން ނިންމާލައިފި އެވެ.

ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މި ހިނގާލުން ފެށީ މިއަދު ހަވީރު 4:00 އިރު އެވެ. ގިނަ އަދަދެއްގެ މީހުންނާ އެކު ކުރިއަށް ގެންދިޔަ ހިނގާލުން ހަވީރު 6:00 ޖެހިއިރު ނިންމާލީ ވެސް ޕީޕީއެމްގެ އޮފީސް ކުރިމައްޗަށެވެ.

ހިނގާލުމުގެ ބައިވެރިން މާލޭގެ ބައެއް ބޮޑެތި މަގުތަކުގައިވެސް ހިނގާލާފައިވާއިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން "އިންގިލާބީ ހަރަކާތް"ގެ ނަމުގައި ހިނގާލުމުގައި ބައިވެރިވެފައިވެ އެވެ.

މިހިނގާލުމުގައި ގޮވާލީ އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށެވެ.

ޕީޕީއެމުން ބުނީ ހިނގާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެގެން ތިބުމަކީ ދިވެހިން ނުރުހޭ ކަމެއް ކަމަށް ސަރުކާރަށް އަންގައިދިނުން ކަމަށެވެ.

މިއަދުގެ ހިނގާލުމުގައި ބައިވެރިވުމަށް ބައެއް ސިޔާސީ ޕާޓީ ތަކަށް ޕީޕީއެމުން ދައުވަތު ދީފައިވެ އެވެ. ނަމަވެސް ދައުވަތު ދިން އެއްވެސް ސިޔާސީ ޕާޓީ އަކުން ދައުވަތު ބަލައިގަނެ ހިނގާލުމުގައި ބައިވެރިވެފައި ނުވާ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ތަފާތު އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.