މިނިސްޓްރީ އޮފް ހެލްތު

ތިން ދުވަސް ތެރޭ އެމްބިއުލާންސްތައް ފޮނުވަނީ

އަތޮޅު ތެރޭގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރުމަށް 20 އެމްބިއުލާންސް ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އަތޮޅު ތެރެއަށް ފޮނުވާލެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަތޮޅުތެރޭގައި ބޭނުންކުރުމަށް 20 އެމްބިއުލާންސް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ ކަަމަށެވެ. އަދި އެ އެމްބިއުލާންސްތައް އަތޮޅު ތެރެއަށް ފޮނުވުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ،" އޮފިޝަލު ވިދާޅުވި އެވެ.

އެމްބިއުލާންސްތައް ފޮނުވަން ނިންމި ރަށްތަކެއް ހެލްތު މިނިސްޓްރީން އަދި ހާމައެެއް ނުކުރެ އެވެ. އެހެންނަމަވެސް ބައެއް ރަށް ރަށުގައި އެމްބިއުލާންސް ނެތިގެން ބަރޯއަށް ލައިގެން ވެސް މީހުން އުފަލަމުން ދެއެވެ. އެގޮތުން ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި މިއަދު ވަނީ ވައިރަލްވެފަ އެވެ.

އެކަމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރަށްރަށަށް 20 އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުންދާ އިރު މިއީ މިދިޔަ ޖޫން މަހު އެސްޓީއޯއާއެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ގެނައި ފުރަތަމަ ޝިޕްމަންޓްގެ އެމްބިއުލާންސް ތަކެވެ. ޖުމްލަ 96 އެމްބިއުލާންސް ގެންނަން އެސްޓީއޯއާއެކު ސޮއިކޮށްފައި ވެއެވެ.

ސަރުކާރުން މިހާރު ދަނީ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެގޮތް ހަދަން ތައްޔާރުވަމުންނެވެ.