ހަ ފަހަރަށް ކެންސަރު ބަލި ޖެހި އެ ބައްޔާ ހަނގުރާމަކޮށް ގަދަވި ޒުވާނެއް މި މީހާ ނޫނީ އިންޑިޔާގައި ނެތް ކަމަށް އެ ގައުމުގެ ރެކޯޑްތަކުން ދައްކަ އެވެ. އެ ޒުވާނަކީ އެ ގައުމުގެ އަޖްމީރުގައި ދިރިއުޅޭ އެމް. ޖަޔަންތު ކަންޑޮއި، 23، އެވެ. އެމްބީއޭ އަށް ކިޔަވަމުންދާ ޖަޔަންތު މިހާ ބަލި ހާލުގައި އުޅެމުން ވެސް ތިން ފޮތް ލިޔެފި އެވެ. ކުޑަ ދެ ވިޔަފާރިއެއް ފަށައިފި އެވެ. އަދި ކެންސަރު ޖެހޭ މީހުންނަށް ވެވުނު އެހީއެއް ފޯރުކޮށްދިނުމަށް އަމިއްލައަށް އެންޖީއޯއެއް ވެސް އޭނާ ހިންގަ އެވެ.
"ޕޮޒިޓިވް ވިސްނުމެއްގައި ހުންނަ މީހަކަށް ކެންސަރުން ސަލާމަތްވުމަކީ ފަސޭހަކަމެއް،" ޖަޔަންތު ބުންޏެވެ.
ޖަޔަންތު ބުނާ ގޮތުގައި ބަލި ގަބޫލުކުރުމަކީ ސިކުނޑިން އަމިއްލައަށް ބަލައިގަންނަ ކަމެކެވެ. އަދި އެމީހަކު އަމިއްލައަށް ބަލި ގަބޫލު ނުކުރާހާ ހިނދަކު އެމީހަކު ބަލިވީ ކަމަކަށް ނުބެލެވޭނެ އެވެ. މިއީ ފާއިތުވީ ނުވަ އަހަރު ދުވަހު ޖަޔަންތުގެ ވިސްނުން ހުރި ގޮތެވެ. އޭނާ ބުނި ގޮތުގައި ކެންސަރު ބަލިން ސަލާމަތްވުމަކީ އެމީހަކަށް ކުރިމަތިވާނެ އެންމެ ވޭންދެނިވި ތަޖުރިބާ އެވެ. "ކެންސަރު" މި ލަފުޒު އެކަނިން ވެސް މީހުން ބިރުން ފިތްކަނޑައިގެން ދާނެ އެވެ.
"ޑޮކްޓަރުން ބުނާ ގޮތުގައި އަހަރެންނަކީ އެއް ފަހަރަކު ނޫން ދެ ފަހަރަކު ނޫން ހަ ފަހަރު ކެންސަރު ޖެހި އެބަލިން ސަލާމަތްވެފައިވާ ހަމައެކަނި މީހާ،" ޖަޔަންތު ބުންޏެވެ.
ޖަޔަންތަށް ފުރަތަމަ ފަހަރަށް ކެންސަރު ޖެހުނި 2013 ގައެވެ. އޭރު އޭނާއަކީ ގްރޭޑް 10ގައި ކިޔަވަމުންދިޔަ ކުއްޖެކެވެ. އެހެނިހެން ދަރިވަރުން ފަދައިން ދިރިއުޅުމާ މެދު އޭނާގެ ހުވަފެންތައް އޭރު ވަރަށް ފޮންޏެވެ.
"އެއް ދުވަހަކު ކުއްލިއަކަށް ކަނދުރާގައި ރިއްސަން ފެށީމަ ޑޮކްޓަރަކަށް ދެއްކީ. ވަރަށް ގިނަ ޓެސްޓްތައް ހެދުމުން އެނގުނީ އަހަރެންނަށް ހޮޖްކިންސް ލިމްފޯމާ (ހަށިގަނޑުގެ އިމިއުން ސިސްޓަމްގެ ބައެއް ކަމަށްވާ ލިމްފެޓިކް ސިސްޓަމް އަށް ޖެހޭ ކެންސަރު) ޖެހިފައިވާކަން. އަހަރެންގެ ހިތް ފުނޑުފުނޑުވީ ކަހަލަ. އަހަރެންގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އެއްފަހަރާ އެރި. އަހަރެން ސަލާމަތް ވާނެބާއޭ؟ ކީމޯތެރަޕީ ދޭނެ ބާއޭ، ބޮލުގެ އިސްތަށިކޮޅު ފައިބައިގެން ދާނެ ބާއޭ؟ ކިހާ ދުވަހަކު ބާއޭ އަހަރެން ދުނިޔޭގައި ހުންނާނީ؟ މިފަދަ ގިނަ ސުވާލުތަކެއް އަހަރެންގެ ސިކުނޑިއާ ކުޅެމުން ދިޔަ،" ޖަޔަންތު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ކެންސަރުގެ ފަރުވާ ފުރަތަމަ ނެގި ދުވަހު އޭނާ ބިރުން ހުރި ވަރުން އެތައް ފަހަރަކު ޕެނިކް އެޓޭކް ވެސް އައެވެ. އެފަހަރު އޭނާ ކީމޯތެރަޕީގެ ހަ ސެޝަން ފުރިހަމަ ކުރި އެވެ. މި ވޭން ހުރި ފަރުވާއަށްފަހު ކެންސަރު މުޅިން ސަލާމަތްވެއްޖެކަމަށް ޑޮކްޓަރުން އޭނާ ކައިރީ ބުންޏެވެ.
އަވަހަށް ގަދައަޅާ މަސައްކަތްކޮށް މޮޅަށް ކިޔަވައިގެން އެއްވަނަ ދަރަޖައިގައި ޖަޔަންތު ފާސްވި އެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން ދެ ވަނަ ފަހަރަށް އޭނާއަށް ކެންސަރު ޖެހުނެވެ.
އެއީ 2015 އެވެ. އެފަހަރު ވެސް ކަނދުރާގައި ވަރަށް ގަދަޔަށް ރިއްސަން ފެށުމުން ޚުދް އޭނާއަށް ވެސް ކެންސަރު އެނބުރި އައީ ކަމަށް ހީވެގެން އަވަހަށް ޑޮކްޓަރަށް ދެއްކި އެވެ. އޭނާއަށް ހަމަ ހީވީ ރަނގަޅަށެވެ. ކެންސަރު އެނބުރި އައީ އެވެ. އެ ފަހަރު 60 ރޭޑިއޯތެރަޕީ ސެޝަން އޭނާ ނެގި އެވެ.
"އެ ދުވަސްވަރު އަބަދުވެސް ސިކުނޑީގައި އޮންނަނީ މަރު. އެހެންވެ ކިޔަވަންވެސް ދަތިވި. ނަމަވެސް ހިތްވަރުކޮށްފައި ކިޔަވައިގެން ގްރޭޑް 12ގެ އިމްތިޙާނުން ވެސް އެއްވަނަ ދަރަޖައިގައި ފާސްވި،" ޖަޔަންތު ބުންޏެވެ.
ދެ ވަނަ ފަހަރަށް ކެންސަރުން ސަލާމަތްވުން ޖަޔަންތު ދެން ދިޔައީ ދިއްލީ ޔުނިވަސިޓީ އަށެވެ. އެ ތަނުގައި ކިޔަވަމުން ދަނިކޮށް 2017 ގައި އިމްތިހާނު ދުވަސްވަރު އަނެއްކާވެސް ކެންސަރުޖެހުނުކަން ޖަޔަންތަށް އެނގުނެވެ. މިފަހަރު ކެންސަރު ޖެހުނީ ބަނޑަށެވެ. އެފަހަރު ބަންޑުން ނުވަ އިންޗި ތަނެއް ކަފާލައިގެން ޓިއުމަރު ނަގަން ކުރި މަސައްކަތް ކާމިޔަބެއް ނުވި އެވެ. އެންމެ ފަހުން ކީމޯތެރަޕީ ދިނީ އަނގައިންނެވެ.
ކެންސަރުގެ ސަބަބުން އޭނާގެ ގިނަ ވަގުތުތަކެއް އެ ވޭނުގައި އުޅެން ޖެހުނަސް އޭނާގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް ޖަޔަންތު ބުންޏެވެ. އެ ދުވަސްވަރު ސިޓީ ސްޓާ ކްލަބްގެ ނަމުގައި އޭނާ އެންޖީއޯއެއް އުފެއްދި އެވެ. މިއީ ކެންސަރު ޖެހިފައިވާ ބަލި މީހުންނާ ބައްދަލުކޮށް އެމީހުންނަށް ހިތްވަރުދީ ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން އުފެއްދި އެންޖީއޯ އެކެވެ. މިހާތަނަށް ޖަޔަންތުގެ މި އެންޖީއޯގައި 200 ވަރަކަށް މީހުން ބައިވެރި ވެފައި ވެއެވެ.
އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ޖަޔަންތުގެ ހަށިގަނޑުގެ އެކި ތަންތަނަށް ކެންސަރު ޖެހުނެވެ. އެއްފަހަރު ޕެންކްރިއަސް އަށެވެ. އަނެއްފަހަރު ކަނދުރާއަށާއި ބަނޑަށެވެ. އެއީ 2019ގައި އެއްފަހަރު 2020ގައި ދެ ފަހަރު އެވެ.
ކެންސަރު ޖެހިގެން ޖަޔަންތު ހޭދަކުރި ނުވަ ވަރަކަށް އަހަރުގެ ތެރޭގައި 17 ކީމޯތެރަޕީ ސެޝަން، 60 އަށް ވުރެ ގިނަ ރޭޑިއޯތެރަޕީ ސެޝަންސް، އެއް ބޯން މެރޯ ޓްރާންސްޕްލާންޓް، ދެ ސާޖަރީ ހަދާފައި ވެއެވެ. ނަމަވެސް ބަލި ގަބޫލުކުރުމަކީ ޖަޔަންތުގެ ޑިކްޝަނަރީގައި އޮތް ބަހެއް ނޫންކަމަށް އޭނާ ބުންޏެވެ.
ހަ ވަނަ ފަހަރު ކެންސަރު ބަލިން ސަލާމަތްވި ފަހުން ޖަޔަންތު އަމިއްލަ ވިޔަފާރިއެއް އަލުން ފަށާފައި ވެއެވެ. އަމިއްލައަށް ފޮތް ލިޔުމުގެ މަސައްކަތް އެބަ ކުރެ އެވެ. އޭނާ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދީ މިއަހަރުގެ އެޕްރީލް ގައެވެ.
ބޭންކެއްގައި ވަޒީފާ އަދާކުރަމުން ޖަޔަންތު މިހާރު ވެސް ގެންދަނީ އެމްބީއޭ އަށް ކިޔަވަމުންނެވެ.
ޖަޔަންތު ގަބޫލުކުރާ ގޮތުގައި ކޮންމެ ބައްޔަކަށް ބޭހެއް ނުވެ އެވެ. ބައެއް ފަހަރަށް މީހުންގެ ފުރާނަ ސަލާމަތްވަނީ ހަމައެކަނި ހެޔޮ ދުއާ އިން ކަމަށް ޖަޔަންތު ގަބޫލު ކުރެ އެވެ. ހަމަގައިމުވެސް އޭނާ ހަ ފަހަރަށް ވެސް ސަލާމަތްވީ އޭނާގެ މައިންބަފައިންގެ ހެޔޮ ދުއާ އާއި އެހީތެރިކަމާއެކު ކަމަށް ޖަޔަންތު ބުންޏެވެ.