ބޮލީވުޑް

އާރްޔަން އާ ޑްރަގެއްގެ ވާހަކަ ދެއްކީ ޖޯކަކަށް: އަނަންޔާ

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިހާރު ޖަލުގައި ބަންދު ކޮށްފައިވާ ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ މައްސަލައިގެ ތެރޭގައި ބޮލީވުޑް ބަތަލާ އަނަންޔާ ޕާންޑޭ ވެސް ބެދެން ފަށައިފި އެވެ.

މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް އަނަންޔާ ހާޒިރުކޮށް މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ވަރަށް ގިނަ އިރު ވަންދެން އަނަންޔާ އާ ސުވާލު ކޮށްފައި ވެއެވެ. އަދި ހޯމަ ދުވަހު ވެސް އޭނާއަށް އެންސީބީ އަށް ހާޒިރު ވާން އަންގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އިންޑިއާ ޓުޑޭގައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި އަނަންޔާ އާ އެންސީބީން ސުވާލު ކުރަނީ މަސްތުވާ އެއްޗެތީގެ ވިޔަފާރި ކުރާ ބަޔަކާ އޭނާ އާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވިގެންނެވެ. އެއީ އާރްޔަން އާއި އަނަންޔާ ވަޓްސްއަޕް ޗެޓުން ދައްކާފައިވާ ވާހަކަތަކެއްގައި އާރްޔަން އަށް ޗަރަސް (މަސްތުވާ ބާވަތެއް) ހޯދައިދޭން އަނަންޔާ އެއްބަސް ވެފައިވާތީ ކުރެވޭ ޝައްކެއް ކަމަށް ވެއެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އެންސީބީން ވަނީ އާރްޔަން އާއި އޭނާގެ ވަޓްސްއަޕް ޗެޓް އަނަންޔާއަށް ދައްކާފަ އެވެ. މި ޗެޓްގައި އަނަންޔާ ކުރެން އާރްޔަން އަހާފައި ވަނީ މަސްތުވާ އެއްޗެތި ހޯދުމުގެ އިންތިޒާމް ހަމަޖައްސައި ދެވިދާނެ ހެއްޔޭ އެވެ. ޖަވާބުގައި އަނަންޔާ ބުނަނީ ތި މައްސަލަ ބަލާނެ ކަމަށެވެ.

މި ޗެޓުގައި މި ވާހަކަތައް ދެކެވުނު ސަބަބާ ބެހޭ ގޮތުން އެންސީބީން ސުވާލު ކުރުމުން އަނަންޔާ ބުނީ އެއީ އޭނާ އާއި އާރްޔަން ޖޯކަކަށް ދައްކާފައި ހުރި ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަކީ ދުވަހަކުވެސް މަސްުތުވާއެއްޗެތި ބޭނުންކުރި މީހެއް ނޫން ކަމަށާއި އަދި އާރްޔަން އަށް ވެސް ދުވަހަކު ވެސް އެ އެއްޗެތި ހޯދައި ނުދޭ ކަމަށް އަނަންޔާ ބުނި ކަމަށް ވެއެވެ.

އެންސީބީން ތުހުމަތުކުރާ ގޮތުގައި އާރްޔަން އަކީ މަސްތުވާތަކެތި ގަވާއިދުން ބޭނުންކުރާ މީހެކެވެ. އަދި އޭނާ އާއި އަނަންޔާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަޓްސްއަޕުން ޑްރަގް އާ ގުޅޭ ވާހަކަތައް ދައްކާފައި ހުރި ކަމަށް އެ އެޖެންސީން ދެކެ އެވެ.

އަނަންޔާ އާއި އާރްޔަންގެ ކޮއްކޮ ސުހާނާ އަކީ ވަރަށް ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންނެވެ. އަދި ޝާހް ރުކްގެ އަންހެނުން ގޯރީ އާއި އަނަންޔާގެ މަންމަ އާ ވެސް ގާތް ގުޅުމެއް އޮވެ އެވެ. އަދި ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެމީހުންގެ ދަރިން އަބަދުވެސް އެކަކު އަނެކަކުގެ ގެއަށް ގޮސް ޕާޓީ ތަކަށް އެކުގައި ގޮސް އުޅެ އެވެ.

ޝާހް ރުކްގެ ތަންކޮޅެއް ކުރީގެ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އަނަންޔާގެ ބައްޕަ ޗަންކީ ޕާންޑޭގެ ރަނގަޅުކަން އޭނާ ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެ އެވެ. މި ވާހަކައިން ވެސް ދެ އާއިލާގެ ގުޅުން އޮތް މިންވަރު ހާމަވެ އެވެ.