މަސްތުވާ ތަކެތީގެ މައްސަލައިގައި ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ހައްޔަރު ކޮށްފައިވާއިރު އޭނާގެ ފޯނުގައި ހުރި ވަޓްސްއަޕް މެސެޖުތަކެއްގައި ދައްކާފައި ހުރި ވާހަކަ ތަކަކާ ގުޅިގެން ބަތަލާ އަނަންޔާ ޕާންޑޭ އުޅޭ ގެ ބަލާ ފާސްކޮށް އޭނާ މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ބުރާސްފަތި ދުވަހު ހާޒިރުކޮށްފި އެވެ.
އެންސީބީއަށް ދާން އަނަންޔާ އަށް ކިޔާފައި އޮތީ މެންދުރު 2.00 އަށް ނަމަވެސް ބައްޕަ ޗަންކީ ޕާންޑޭ އާއެކު އޭނާ އެންސީބީ އޮފީހަށް ހާޒިރުވީ ހަވީރު 4.00 ގައެވެ. އަދި ދެ ގަޑިއެއްހާއިރު ސުވާލު ކޮށްފައި އަނަންޔާ ވަނީ ދޫކޮށްލާފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ހުކުރު ދުވަހު ވެސް އަނަންޔާ އަށް އެންސީބީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
އާރްޔަންގެ ފޯނުގައި ވަޓްސްއަޕް ޗެޓުތަކުގައި އަނަންޔާ އާއެކު ޕާޓީއެއްގެ ތެރޭގައި ޑްރަގްސް އާ ބެހޭ ވާހަކަތަކެއް ދައްކާފައި ހުރި ކަމަށް ވެއެވެ. ކަފާލާތުގެ ދަށުން އަރްޔަން މިނިވަން ވޭތޯ ބުދަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމަށް މި ޗެޓްލޮގްގައި ހުރި މެސެޖުތައް ވެސް ހުށަހަޅާފައި ވެއެވެ. އަދި އޭގެ ފަހުން އެންސީބީން ވަނީ އަނަންޔާގެ ގެ ރެއިޑްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް އަދި އެނޫންވެސް އިލެކްޓްރޯނިކް ޑިވައިސްތައް އަތުލައިގެން ގެންގޮސްފަ އެވެ.
އަދި އެންސީބީން ޝާހް ރުކްގެ މަންނަތު އަށް ވެސް ދިޔަ އެވެ. ނަމަވެސް އެމީހުން އެ ގެ ރެއިޑް ނުކުރާ ކަމަށާއި އެގެއަށް ދިޔައީ ކޮންމެވެސް ލިޔެކިޔުންތަކެއް ފުރިހަމަ ކުރަން ކަމަށް ވެއެވެ.
ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރެވޭތޯ އޭނާގެ ވަކީލު ބުރާސްފަތި ދުވަހު ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ.
އެންސީބީން ކޯޓުގައި ބުނެފައިވަނީ އާރްޔަން މަސްތުވާ އެއްޗެތި ބޭނުންކުރުމާއި ގިނަ އަދަދަކަށް ގަންނަކަން އޭނާގެ ފޯނުގެ މެސެޖުތަކުން ސާބިތުވާ ކަމަށެވެ. އަދި ކަފާލާތުގެ ދަށުން އޭނާ މިނިވަން ކޮށްފިނަމަ އިތުރު ކުށްތަކަށް އަރައިގަންނާނެކަން ޔަގީންވާ ކަމަށް ވެސް އެންސީބީން ކޯޓުގައި ބުންޏެވެ. އެހެންވެ މުމްބައިގެ އެންސީބީ ސްޕެޝަލް ކޯޓަކުން ވަނީ އާރްޔަން ޖަލުގައި ބަހައްޓާ މުއްދަތު އޮކްޓޯބަރު 30 އަށް އިތުރުކޮށްފަ އެވެ.
އަނަންޔާ އާއި އާރްޔަންގެ ކޮއްކޮ ސުހާނާއަކީ ބެސްޓް ފްރެންޑުންނެވެ. އެހެންވެ އާރްޔަން އާއި އާއިލާ އާ އަނަންޔާގެ ގާތް ގުޅުމެއް އަބަދުވެސް އޮވެ އެވެ.