ރާއްޖެ ކުޅިވަރު

ދެ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިން އީގަލްސް ކޮންޓްރެކްޓް އާކޮށްފި

ދެ ކުޅުންތެރިން ފިޔަވައި މި އަހަރު ޓީމުގައި ދެންތިބި ހުރިހާ ކުޅުންތެރިން އަންނަ އަހަރު ވެސް އީގަލްސް އަށް ކުޅެން ސޮއިކޮށްފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އިއްޔެ ހަވީރު މާޒިޔާ އަތުން 2-1އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ބިދޭސީ ކުޅުންތެރިން ވެސް ޓީމުގައި ތިބޭނެކަން އަދި ޔަގީންނޫން ކަމަށެވެ.

"ބިދޭސީ ކުޅުންތެރިންނާއި (ދިވެހި) ދެ ކުޅުންތެރިން ފިޔަވައި އެހެން އެންމެން އީގަލްސްގައި އަންނަ އަހަރު ވެސް ތިބޭނެ. މީގެ އިތުރުން އަޅުގަނޑުމެން ކުރިއަށް މިއޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އަންޑަ ނައިންޓީންގެ ގެ ދެތިން ކުޅުންތެރިއަކު ލައްވައި ސޮއިކުރާނަން. އީގަލްސްއިން މި ބަލަނީ ޒުވާން ކުޅުންތެރިން ތައްޔާރުކުރަން،" ސާންތީ ބުންޏެވެ.

ސޮއިނުކޮށް ތިބި ދިވެހި ދެ ކުޅުންތެރިންގެ ނަމެއް ސާންތީ ނުބުންޏެވެ. ނަމަވެސް އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) ހިމެނޭކަން ވަނީ ޔަގީންވެފަ އެވެ. އޭނާގެ އެހީ އަށް އެދި ބޮޑެތި ހުރިހާ ކުލަބަކުން ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

އީގަލްސް މި ސީޒަން ނިންމާލީ ލީގުގެ ތިން ވަނަ މަގާމާއެކުގަ އެވެ. ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލް ކުޅުނެވެ. ނަމަވެސް ސާންތީ ބުނީ ކޯޗަކަށް އަންނަ އަހަރު ހުންނާނީ އޭނާކަން އަދި ޔަގީން ނޫން ކަމަށެވެ.

"ފުރުސަތު ދީފިއްޔާ އީގަލްސްގައި ހުންނާނީ. ޔަގީނުން ވެސް އެހެން ޓީމަކަށް ނުދާނަން. މިހާރު އީގަލްސް ދޫކޮށްލުމަކީ ވެސް އެހާ ފަސޭހަކަމެއްނޫން،" ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.