ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ކުޅުދުއްފުށްޓަށް ވަޑައިގެންފި

Oct 23, 2021

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެރަށުގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނެވެ. ރައީސް އަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ އާންމުން ވެސް އެއާޕޯޓް ސަރަހައްދަށް އެއްވެ ތިއްބެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި އެ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށީގައި ބާއްވާ ރަސްމީ ޖަލްސާ ރައީސް ސޯލިހް ޝަރަފުވެރިކޮށްދެއްވާނެ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2019 ވަނަ އަހަރު އެވެ.

ޒުވާނުންގެ ދުވަސް އޮކްޓޫބަރު 22 ގައި ފާހަގަކުރަން ނިންމީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރި ތާރީހީ ދުވަސްކަމުގައި ވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.