އެމްއެންޑީއެފް

ކުއްޖާ ނުފެނޭ، އޮޕަރޭޝަން މެދުކަނޑާލައިފި

Oct 23, 2021

ގަދަ ވަޔާއި ވިއްސާރައިގައި މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖެހި ލޯންޗުން ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން މިވަގުތަށް މެދުކަަނޑާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗު ބަންޑުން ޖަހާލި ހާދިސާއަށް ފަހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މެދުކަނޑާލުމާ ހަމައަށް 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަަށެވެ. އެހެންވެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ހާއިރު އައި ކޮޅިގަނޑެއްގެ ތެރޭ ރާޅުގައި ޖެހި ލޯންޗު ބަންޑުން ޖެހީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރަށެވެ. ލޯންޗް ބަންޑު ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އުމުރު ހަތަރު އަހަރުގެ ކުއްޖާގެ މަންމަ، މ. ގްރީން ޕީކު، މަރިޔަމް ނާހިދާ ވަނީ މަރުވެފަ އެވެ.

ހާދިސާ ހިނގި ވަގުތު ލޯންޗުގައި 13 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށްވެސް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.