ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކިތަންމެ ކުޑަ މުސާރައަކަށް ނަމަވެސް ވަޒީފާ އަދާކުރުމަށް އިލްތިމާސް ކުރައްވައިފި

Oct 23, 2021
6

ރާއްޖޭގައި ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު ގިނަ ކަމަށާއި އެކަމަކު ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކަކީ ފަހަރުގައި ކުޑަ އާމްދަނީއެއް ލިބޭ ފުރުސަތުތަކަކަށް ވެދާނެ ކަމަށެވެ. އެކަމަކު ވަޒީފާ އަދާނުކޮށް ހުރުމަށްވުރެ އެ ފުރުސަތުތަކުގެ ބޭނުން ހިފުން ރަނގަޅު ކަމަށްވެސް ވިދާޅުވި އެވެ.

ޒުވާނުން ވަޒީފާގެ ފުރުސަތު ތަކުގެ ބޭނުން ހިފުމަށް ބޭނުން ނުވާތީ ބިދޭސީން ރާއްޖެއަށް ގެންނަން ޖެހި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މިހާރު ވަރަށް ގިނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ އިގްތިސޯދުން ބޭރުވެގެންދާ ފައިސާ ކަމަށްވާތީ ގައުމީ ވިސްނުމެއްގައި ސީރިއަސްކޮށް ޒުވާނުން އެކަމުގައި ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރާނީ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ފަށައިގެން ކުރިއަށް ދިއުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާދަމާ ގައުމު ހިންގަން ތިބޭނީ މިއަދުގެ ޒުވާނުން ކަމަށްވާތީ ގާބިލް ޒުވާނުން ބިނާކުރުމަށް ސަރުކާރން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލީ ވެސް ގައުމަށް ބޭނުންތެރި އަދި މަސްއޫލިއްޔަތު އަދާކުރެވޭ ޒުވާނުން ބިނާކުރުމަށްވެސް ވިދާޅުވި އެވެ. ޒުވާން އުމުރަކީ ހަޔާތުގެ އެންމެ އަގު ބޮޑު ދުވަސްވަރު ކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުރިމަގަށް ރަނގަޅު ބިންގަލެއް އެޅުމަށް ޒުވާނުންނަށް އިލްތިމާސްކުރައްވާފަ އެވެ.

""އަޅުގަނޑުގެ އުއްމީދަކީ ގައުމަށް ބޭނުންތެރި ގައުމަށް ހިދުމަތްތެރި މީހަކަށް ވުމުގެ އަޒުމު ޒުވާނުން މިއަދުން ފެށިގެން ކަނޑައެޅުން ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އުފައްދުން،" ރައީސް ވިދާޅުވި އެވެ.

ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލްގެ ނަމުގައި ބިލެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސް މިރޭ ވިދާޅުވި އެވެ. އެފަދަ ބިލެއްގެ ބޭނުމަކީ ވެސް އިސްލާމް ދީނަށް ލޯބިކުރާ އަދި ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އެކު ހިތާ ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުން ބިނާކުރުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަރުކާރުން މިއަހަރު ފެށި ނެޝަނަލް ވޮލަންޓިއާސް ޕްރޮގްރާމްގައި މިހާތަނަށް 105 ވޮލަންޓިއަރުން ބައިވެރިވެ 40 ވޮލަންޓިއަރުން ތަމްރީން ފުރިހަމަކޮށް ގައުމީ މަސައްކަތުގައި އުޅޭ ކަމަށްވެސް ވިދާޅުވި އެވެ. ކުންފުނިތަކުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ތަމްރީން ކުދިން ތަމްރީން ކުރަނީ ކުއްޖަކަށް 3،000 ރުފިޔާގެ އެލަވަންސެއް ދީގެން ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވަނީ ޒުވާނުންގެ ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަށް ނެރެ އަދި ގައުމީ ކަންކަމުގައި ގައުމީ ރޫހު ކުރިއަށް ނެރެގެން މަސައްކަތް ކުރުމަށްވެސް ޒުވާނުންނަށް އިލްތިމާސްކުރައްވާފަ އެވެ.