ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިން ކޮމިޓީގެ ނައިބް ރައީސް މުޖުތަބާ އަހްމަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ހަވީރު މުޖުތަބާ ހައްޔަރުކުރީ އޭނާގެ ގޭގައި "އިންޑިއާ އައުޓް" އަދި "އިބޫ އިސްތިއުފާ"ގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބެނާއެއް ދެމުމާ ގުޅިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
ބެނާ ދެމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުޅުދުއްފުށި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު އެ ސަރަހައްދަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށްފަ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ކޯޓު އަމުރެއް ނެތި ފުލުހުން މުޖުތަބާގެ ގެއަށް ވަދެ އޭނާ ހައްޔަރުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. ފުލުހުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މުޖުތަބާ ވަގުތުން ދޫކޮށްލުމަށްވެސް ގޮވާލާފައިވެ އެވެ.
"ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީން ލިބިދީފައިވާ ހައްގުތަކެވެ. މިހައްގުތަކަށް އަރައިނުގަތުމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް މިކޯލިޝަނުން ގޮވާލަމެވެ،" މުޖުތަބާ ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުޙައްގުން މިސަރުކާރުން ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދިވެހި ރައްޔިތުން މިއަދު އަޑު އުފުލަމުންދާތި ނުފޫޒާ ގަދަބާރު ދައްކައިގެން މިސަރުކާރުން ހިންގަމުންދާ ހުދުމުޚުތާރު އަމަލުތަކަކީ ފެއިލްވެފައިވާ ނާގާބިލް ސަރުކާރެއްގެ ސިފަތަކެއް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ފުލުހުންނަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.