ލައިފްސްޓައިލް

އެއްމާބަނޑު ނުވަ ދަރިން، ދުވާލަކު 100 ނެޕީ ބަދަލު ކުރޭ!

އެއްމާބަނޑު ނުވަ ދަރިން ވިހައި ދުނިޔޭގެ ރެކޯޑެއް ގާއިމްކުރެވިފައިވާ އަންހެންމީހާ ބުނާ ގޮތުގައި އޭނާ ދުވާލަކު 100 ވަރަކަށް ނެޕީ ބަދަލު ކުރެ އެވެ.

މާލީގެ ރައްޔިތެއްކަމަށްވާ ހަލީމާ ސިސޭ އެއްމާބަނޑު ނުވަ ދަރިން ވިހައި ރެކޯޑް ފޮތަށް އެރީ މީގެ ފަސް މަސް ކުރިންނެވެ. ހަލީމާ ބުނާ ގޮތުގައި އޭނާއަށް ލިބުނު އެއްމާބަނޑު ނުވަ ދަރިންގެ ހާލު މުޅިން ރަނގަޅެވެ.

ހަލީމާ ބަނޑުބޮޑުއިރު ޑޮކްޓަރުން ވެސް ހީކުރީ އޭނާގެ ބަނޑުގައި އޮތީ ހަތް ކުދިން ކަމަށެވެ. އަދި މާލީގައި ހަލީމާއަށް ފަރުވާ ދެވެން ނެތިގެން މިދިޔަ މޭ މަހު އޭނާގެ ސިޒޭރިއަން ހަދަން މޮރޮކޯއަށް އިމަޖެންސީކޮށް ގެންދިޔަ އެވެ. އަދި އޭނާގެ ބަނޑުގައި ނުވަ ކުދިން އޮތްކަން އެނގުނީ ސިޒޭރިއަން ހަދައިގެން ކުދިންތައް ނެގުމުންނެވެ.

"އެންމެ ކުއްޖަކު ވިހެއުމަކީ ވެސް ވަރަށް ބުރަ ކަމެއް. އަދި އެއްމާބަނޑު ނުވަ ކުދިން ވިހަން އުނދަގޫ ވާނެ ވަރު ޚިޔާލަށް ވެސް ނުގަނެވޭނެ. އަދި މިހާ ގިނަ ކުދިން އުފަން ވުމުން އެ ހުރިހާ ކުދިން ގެންގުޅެން ވާނެ އުނދަގޫ ވެސް މީހަކަށް ޚިޔާލަކަށް ވެސް ނުގަނެވޭނެ. އަހަންނަށް ފަރުވާކުރި މެޑިކަލް ޓީމަށް އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އަހަރެންގެ ބޭސް ފަރުވާއަށް މާލީ ސަރުކާރުން ފަންޑުކޮށްދިނީތީ ސަރުކާރަށް ވެސް ޝުކުރު އަދާކުރަން،" އިނގިރޭސި ވިލާތު ނޫހަކާ ވާހަކަ ދައްކަމުން ހަލީމާ ބުންޏެވެ.

ހަލީމާގެ އެއްމާބަނޑު ނުވަ ކުދިންގެ ތެރޭގައި ހިމެނޭ ހަތަރު ފިރިހެން ކުދިންނާއި ފަސް އަންހެން ކުދިންނެވެ. ފިރިހެން ކުދިންނަށް ހަލީމާގެ ދެމަފިރިން ކިޔާފައިވާ ނަން ތަކަކީ އުމަރު، އެލްހާދުޖީ، ބާހް އަދި މުހައްމަދު އެވެ. އަންހެންކުދިންނަށް ދީފައިވާ ނަން ތަކަކީ އަދަމާ، އައުމައު، ހައްވާ، ޚަދީޖާ އަދި ފާތުމާ އެވެ.

"ކުދިންތައް ސިޒޭރިއަން ހަދައިގެން ބަނޑުން ނަގަމުން ދިޔައިރު އަހަރެންގެ ހޭ ހުރި. އެހެންވެ ވާނުވާ އެނގޭ. އަދި ފުލުފުލުގައި ކުދިންތައް ނަގަމުން ދިޔައިރު އަހަރެންގެ ހިތުގައި ތަފާތު ސުވާލުތައް އެނބުރެމުން ދިޔަ. އެ ވަގުތު އަހަރެންގެ ކޮއްކޮ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި ނަމަވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައީ އެންމެ ކަމެއް. މި ހުރިހާ ދަރިން އަހަރެން އެކަނި ބަލާނީ ކިހިނެއް ހެއްޔޭ؟ އަދި އަހަންނަށް މިކުދިން ބަލަން އެހީތެރިވާނީ ކާކު ހެއްޔެވޭ ހިތަށް އަރަމުން ދިޔަ،" ހަލީމާ ބުންޏެވެ.
ހަލީމާގެ ހަޔާތުގެ ބައިވެރިޔާ ކާދިރް އަރްބީ، 35، އަށް ހަލީމާ އާއެކު މޮރޮކޯއަށް ދަތުރުކުރުމުގެ ފުރުސަތު ނުލިބުނެވެ. ކޮވިޑް-19ގެ ބަލި މަޑުކަމާ ހެދި އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެހެންވެ ކާދިރް އަށް މޮރޮކޯއަށް އާދެވޭ ވަރުވީ ޖުލައި 9 ވަނަ ދުވަހު އެވެ.

އެހާ ގިނަ ދުވަހު މޮރޮކޯގައި ހަލީމާއަށާއި އޭނާގެ ދަރިންނަށް ދިން ފަރުވާ އަށް އެއް މިލިއަން ޕައުންޑް ޚަރަދު ވެފައި ވެއެވެ. މީގެ ތެރެއިން ބޮޑު ބައެއް ދީފައިވަނީ މާލީ ސަރުކާރުންނެވެ.