އިންޑިޔާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ދާދިފަހުން ކިޑްނީ ޓްރާންސްޕްލާންޓް ހަދައި ދެ މީހެއްގެ ފުރާނަ ސަލާމަތްކޮށްފައި ވެއެވެ. އަދި މީގެ ސަބަބުން ހަތަރު މީހެއްގެ ހަޔާތަށް އެހީތެރިވެދެވުނު ވެސް މެއެވެ.
ކިޑްނީ ފެއިލްވެގެން ދެ އަހަރެއްހާ ދުވަހު ޑައިލެސިސް ހަދަމުންދިޔަ ދެ މީހަކަށް ކިޑްނީ ލިބި އެމީހުންގެ ފުރާނަ ސަލާމަތްވާން ދިމާވި މި ހާދިސާ ހިނގާފައި ވަނީ ވަރަށް ހީނުކުރާ ކަހަލަ ގޮތަކަށެވެ.
ކިޑްނީ އަށް ބޭނުންވެފައި ތިބި ދެ މީހުންނަކީ އަދި އެމީހުންގެ ހަޔާތުގެ ބައިވެރިންނަކީ ވެސް ބެންގަލޫރުގައި ދިރިއުޅޭ ބައެކެވެ. މި މީހުން ކިޑްނީ އަކަށް ބޭނުންވެގެން ކިޑްނިގެ އިންތިޒާރުގައި ތިބޭތާ ދެ އަހަރެއްހާ ދުވަސް ވީއިރުވެސް ކިޑްނީ އެއް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އެމީހުންނަށް ކިޑްނީ ލިބެން ތަގްދީރުގައި ހުރުމުން އެންމެ ހަފުތާއެއް ތެރޭގައި ދެ މީހުންނަށް ވެސް ކިޑްނީ ލިބި ޓްރާންސްޕްލާންޓް ވެސް ހެދޭ ގޮތް ވީ އެވެ.
ކިޑްނީ އަށް ބޭނުންވެފައި ތިބި ދެ މީހުންގެ ތެރެއިން އެކަކީ ސައިދު އިރްފާނުއްލާ އެވެ. އޭނާއަށް ކިޑްނީ ދޭން އޭނާގެ އަންހެނުން ސައީދާ އައިޝާ ހުރީ ތައްޔާރަށެވެ. ނަމަވެސް އައިޝާގެ ކިޑްނީ އާއި އޭނާގެ ފިރިމީހާގެ ކިޑްނީ މެޗެއް ނުވެ އެވެ. އޭނާގެ ފިރިމީހާ އިރްފާނުއްލާގެ ކިޑްނީ މައްސަލަ ޖެހި ޑައިލެސިސް ހަދާތާ އޭރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ޓްރާންސްޕްލާންޓް ހެދުން ނޫން ގޮތެއް ނެތަސް ގުޅޭ ކިޑްނީއެއް ނުލިބުމުން އައިޝާ އާއި އާއިލާ ތިބީ ވަރަށް ދެރަވެފަ އެވެ.
އަނެއްކޮޅުން މެހެންދުރަ ކިޔާ މީހެއް ވެސް ކިޑްނީ ފޭލް ވެގެން ހަމަ އެ ހޮސްޕިޓަލުން ޑައިލިސިސް ހަދާތާ ދެ އަހަރެއްހާ ދުވަސް ވެފައި ވެއެވެ. މެހެންދުރަގެ އަންހެނުން ވެސް އޭނާއަށް ކިޑްނީ ދޭން ތައްޔާރެވެ. ނަމަވެސް އެ ދެ މީހުންގެ ކިޑްނި ވެސް މެޗު ނުވާތީ ޓްރާންސްޕްލާންޓް ހެދޭނެ ގޮތެއް ނުވެފައި ތިބީ އެވެ.
ދެ އާއިލާ ވަރަށް ހާސްވެފައި ތިއްބާ މި މީހުންގެ މައްސަލަ ހައްލުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންތަކަކަށް އައި މޮޅު ޚިޔާލަކުންނެވެ. އެއީ ދެ ކިޑްނީ ޑޯނަރުން ބަދަލުކުރުމެވެ. ޑޮކްޓަރުން ބެލިއިރު މެހެންދުރަ އަންހެނުންގެ ކިޑްނީ އާއި އިރުފާނުއްލާގެ ކިޑްނީ ދިމާވެ އެވެ. އަދި އައިޝާގެ ކިޑްނީ އާއި މެހެންދުރަގެ ކިޑްނީ ދިމާވެ އެވެ. ޑޮކްޓަރުންނަށް މިކަން އެނގުމުން މި ދެ އާއިލާ އާއި ވާހަކަ ދައްކައި ކިޑްނީ ބަދަލުކޮށްގެން ޓްރާންސްޕްލާންޓް ކުރަން އެއްބަސްކުރުވީ އެވެ.
ޓައިމްސް އޮފް އިންޑީއާ އާ ވާހަކަ ދައްކަމުން އައިޝާ ބުނީ މެހެންދުރަގެ އަންހެނުންގެ ކިޑްނީ އޭނާގެ ފިރިމީހާ އަށް ޓްރާންސްޕްލާންޓް ކުރުމާ މެދު އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި އޭގެ ބަދަލުގައި އޭނާގެ ކިޑްނީ މެހެންދުރަ އަށް ދިނުމުގައި ވެސް އޭނާގެ އެއްވެސް މައްސަލަ އެއް ނެތެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އައިޝާގެ ކިޑްނީ ނަގައި މެހެންދުރަ އަށް ވަނީ ލައްވާފަ އެވެ. އަދި މެހެންދުރަގެ އަންހެނުންގެ ކިޑްނީ އައިޝާގެ ފިރިމީހާގެ ހަށިގަނޑުގައި ވަނީ ޓްރާންސްޕްލާންޓް ކޮށްފަ އެވެ.