ދިވެހިރާއްޖެ އަށް އެއް ބޮޑު ފައިދާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށްވީ ނަމަވެސް އެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން ތިބީ ނިސްބަތުން މަދުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ފަތުުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގައި ދިވެހިން މަދުވުމުން އެފަދަ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކުން އެކަަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
ފައިސަލް ނަސީމު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް ތައުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށް ކަމަށެވެ. ތައުލީމީ ދާއިރާއަށް އެހާ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެނީ ގައުމެއް ބިނާވެ ކުރިއަރައިދަނީ ތައުލީމީ ގާބިލް އުފެއްދުންތެރި ޖީލެއް އުފެދިގެން ކަމަށް ވާތީ ކަމަށެވެ.
މި ސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ އެ މަޝްރޫއުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީ ކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތައުލީމު ހާސިލްކުރުމަށް އެދިވަޑައިގެންފަ އެވެ.
"އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މީހުން ބަލައިގަންނަ ފަދަ ކާމިޔާބެއް ހާސިލް ވާނީ ނުހަނު ބުރަ މަސައްކަތުން ކަމަށާއި އަދި އެތައް ފަރާތެއްގެ މަދަދާއި އެހީތެރިކަމުންކަމުގައި ކަމަށް ހަނދާންކޮށްދެއްވާފަ އެވެ. އެހެންވެ މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށްވެސް އެދިވަޑައިގެންނެވި އެވެ. އަދި މަސައްކަތުގެ މާހައުލުގައްޔާއި މުޖުތަމައުގައި އުޅޭއިރު މީހުންނަށް އިހްތިރާމުކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތް ބަލައިގަތުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިކަން އިސްކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ "ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް" ހާސިލްކުރެއްވި ބައެއް ދަރިވަރުންނަށް އެ އެވޯޑް ވެސް ހަވާލުކޮށްދެއްވާފަ އެވެ.