ފައިސަލް ނަސީމް

ފަތުރުވެރިކަން ފުޅާކޮށް ދަތުުރުފަތުރު އަގުހެޔޮކުރަން މަސައްކަތްކުރާނަން: ފައިސަލް

Sep 30, 2022

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ހަމަޖެއްސުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި މިރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ހަވަނަ އެޑިޝަންގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައިސަލް ވިދާޅުވީ ސަޓާ 2016 ވަނަ އަހަރު އިފްތިތާހްކުރެވުނު ފަހުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަޓާ އެވޯޑްސްގައި ތަމްސީލުކުރާ ދެކުނު އޭޝިއާގެ ހަ ގައުމަކީ ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ގޮތުން އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދޭ ނަމޫނާ ގައުމުތައްކަން ފާހަގަކުރައްވާފަ އެވެ.

މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ނައިބް ރައީސް ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެވުނީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޒުވާން ބައެއް ފަރާތްތަކުން ކުރި ބުރަ، އިހްލާސްތެރި އަދި މިންނެތް މަސައްކަތްތަކުންކަން ފާހަގަކުރައްވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ މިއަދު ރާއްޖެ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް މަންޒިލްކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ކާމިޔާބީ ލިބުމުގެ އަސްލު ހަގީގަތަކީ ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަކަމުގައި ވިދާޅުވި އެވެ.

"މީގެ އިތުރުން ދިވެހިންގެ އެންމެ ހާއްސަ އެއްކަމަކީ ގާތް ރަހްމަތްތެރިކަމާއި، ދީލަތިކަމާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތް،" ފައިސަަލް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މި ގައުމަށް އައުމަށް މަގުފަހިވެގެން ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމާއި، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތު ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

މިހަފްލާގައި ނައިބް ރައީސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތްވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަން ފާހަގަކުރައްވާފަ އެވެ.