މޯލްޑިވްސް ޕޮލިސް ސާވިސް

ޕިރަމިޑް ސްކީމްތަކުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

  • ސްކީމަތަކާ ގުޅޭ ދެ މައްސަލައެއް ބަލާ
  • އިތުރަށް ސްކީމް ހިންގާ ނަމަ ހުއްޓުވާނަން
  • މިއީ ޖިނާއީ ބޮޑު ކުށެއް

މާލީ ފައިދާތަކެއް ލިބޭ ގޮތަށް އެކި ނަންނަމުގައި ރާއްޖޭގައި ހިންގި ދެ ޕިރަމިޑް ސްކީމެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

"އޭޔޫ އިންޓަނޭޝަނަލް އެކްސްޓްރީމް" އާއި "ގްލޯބަލް އިންޓަގޯލްޑް"ގެ ނަމުގައި ކުޑަ ފައިސާކޮޅެއް އިންވެސްޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ބުނެ ހިންގަމުން އައި އެ ސްކީމްތަކުގެ މައްސަލައިގައި ފުލުހުން ބުނީ އެމައްސަލަތަކާއި ގުޅުން ހުރި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ސްކީމެއް ހިންގުމުގައި ބައިވެރިވުމަކީ ވެސް އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ދެ މައްސަލައެއް ބަލާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު މައްސަލައިގައި އަދި މީހެއް ހައްޔަރެއް ނުކުރެ އެވެ. އެ މައްސަލަތައް ތަހުގީގުކޮށް ފުލުހުން އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިފަދަ ސްކީމްތަކުގައި ބައިވެރިވުމަކީ ރާއްޖޭގައި ހެދިފައި ހުރި މާލީ ގާނޫނުތަކާ ހިލާފު ޖިނާއީ ކުށެއް ކަމަށް ވަނީ ބުނެފަ އެވެ.

އެފަދަ ސްކީމްތައް ހިންގުމާއި ބައިވެރިވުމަކީ ރާއްޖޭގެ ބޭންކިން ގާނޫނުތަކުގެ ދަށުން ބޮޑު ޖިނާއީ ކުށެއް ކަމަށް ބުނެ އެމްއެމްއޭ އިން ރޭ ނެރުނު ބަޔާނާ ގުޅިގެން "ގްލޯބަލް އިންޓަގޯލްޑް"ގެ ނަމުގައި ހިންގަމުން އައި އެ ސްކީމްގެ ފޭސްބުކް ޕޭޖްގައި ރޭ ބުނެފައި ވަނީ ފައިސާ ނެގުމާއި ފައިސާ ދިނުން ފަދަ އެ ސްކީމާ ގުޅޭ ހުރިހާ ކަމެއް ވަގުތުން ހުއްޓާލާފައިވާ ކަމަށެވެ.

ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުގައި ވެސް މި ސްކީމްތަކުގެ މަކަރުވެރިކަން ބޮޑުވެ އެންމެ ފަހުން ވަނީ އެ ސްކީމްތައް އެ ގައުމުތަކުން މަނާކޮށްފަ އެވެ.