އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓްގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާއާ އެކު އެއްބަސްވުމެއް

ރާއްޖޭގެ އޮޑިޓް ދާއިރާ ކުރިއެރުވުމަށް އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ކޮންޓްރޯލާ އަދި އޮޑިޓާ ޖެނެރަލް (ސީއޭޖީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ. އަދި ސީއޭޖީގެ ފަރާތުން ކޮންޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް އޮފް އިންޑިއާ ގިރީޝް ޗަންދްރާ މުރްމޫ އެވެ.

އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިއާގެ އޮޑިޓް އޮފީހުގެ ގުޅުން ބަދަހިކޮށް އޮޑިޓް ދާއިރާއިން ދެ ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެވެ. އަދި ދެ ގައުމުގެ އޮޑިޓަރުންނަށް އަމާޒުކޮށްގެން އެކި ތަމްރީންތައް ވެސް ބާއްވާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެން ދާއިރު އޮޑިޓް ދާއިރާ ވެސް ކުރިއެރުވުން މުހިއްމު ކަމަށާއި އިންޑިއާގެ ސީއޭޖީ އަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން ސީއޭޖީގެ ތަޖުރިބާގެ ފައިދާ ރާއްޖެ އަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ގިރީޝް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އިތުރަށް ގުޅުން ބަދަހިވާނެ ކަމަށެވެ.

"އޮޑިޓް އަދި ޕަބްލިކް ފައިނޭންސް ދާއިރާއިން ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. ސްމާޓް އޮޑިޓިން ޕްރެކްޓިސް ބޭނުން ކުރުމާއި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރާނަން،" ގިރީޝް ވިދާޅުވި އެވެ.

އޮޑިޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ރާއްޖޭގައި މަތީ ތައުލީމުދޭ އިދާރާތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރުމަށް އޮޑިޓް އޮފީހުން ވަނީ ނިންމާފަ އެވެ.