ބަރުލަމާނީ ނިޒާމް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

Oct 24, 2021
3

ރާއްޖޭގައި މިހާރު ހިނގަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަދު ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައި ވަނީ ރައީސް އޮފީހުގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ ކަންކަމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރައީސް ނަޝީދަށް މޭ މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފަރުވާއަށް ބޭރަށް ވަޑައިގަތުމަށްފަހު ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން އެމަނިކުފާނު ދެން އިތުރަށް ވާހަކަދައްކަވާނީ ރައީސް ސޯލިހާއި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކުރަމުންދާ މަސައްކަތްތަކަކީ ރައީސް ސޯލިހާއި މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެދުވަހު އެކަމާ ގުޅިގެން ވާހަކަދައްކަވާފައެއް ނުވެ އެވެ.