އިބްރާހިމް އިސްމާއީލް (އިބްރާ)

ހުކުމުގައިވާ މުއްދަތުގައި ބަދަލު ނުދީގެން ދައުވާކޮށްފި

Oct 24, 2021
4

އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ކުރި ހުކުމުގައިވާ މުއްދަތުގެ ތެރޭގައި ބަދަލު ދީފައި ނުވާތީ އިބްރާ ދައުވާކޮށްފި އެވެ.

ސިވިލް ކޯޓުގައި އެ މައްސަލާގައި އިބްރާ ދައުވާކޮށްފައިވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނު އަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އިބްރާ މިދިޔަ މަހުގެ ތެރޭގައި އެންމެ ފުރަތަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ވަނީ މައްސަލަ ބަލަނުގަނެވޭނެ ކަމަށް ނިންމާފަ އެވެ. އެކަމަކު އިބްރާ އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިލްތިމާސް ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މައްސަލަ ބަލައިގެންފަ އެވެ.

މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ މައްސަލާގައި އިބްރާ ގެންދަވަނީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ތައްޔާރުވަމުންނެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ.

މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން، މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރު ކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.

އެމްއީއެސް ހިންގި އިމާރާތް ނުވަތަ މިހާރުގެ އިއްޒުންދީން ސްކޫލުގައި މަންދު ކޮލެޖު ހިންގަން އެ އިމާރާތް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.