ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ބިދޭސީ މީހާގެ ބައިވެރިވުން ނޫނީ ނެތް

އަނިޔާވެރި ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ހައްޔަރު ކުރި ބިދޭސީ މީހާގެ އިތުރުން އެެހެން މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (29އ) ގެ އިތުރުން އިތުރު މީހެެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ތަހުގީގައި ކުރެވުނު މަސައްކަތުން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

މި މައްސަލާގައި ތަހުގީގުގައި ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި ތަހުލީލު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނެއެވެ.

ޝާ އަލޮމް މިއާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މަހުމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މަރާލުމަށް ފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ. އެއީ މަހުމޫދުގެެ އާއިލީ ގެއެކެވެ.