ދަނގެތީގައި މީހަކު މަރާލުން

ފުލުސް އިލްތިމާސް: ޖަޒުބާތުގައި ގޯސް ނުހަދާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އެރަށު މީހުން ދެ މީހަކަށް ތުހުމަތުކުރުމަށްފަހު ގެއްލުންތަކެއް ދީފައިވާތީ، އެފަދަ މައްސަލަތަކުގައި ޖަޒުބާތުގައި ޖެހިގެން ގޯސް ނުހެދުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

މަހޫމުގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ބައެއްގެ ކުރީގެ އަމަލުތަކެއްގެ މައްޗަށް ރިއާޔަތްކޮށް ދެ މީހަކަށް ރަށުގެ ރައްޔިތުން އެ މަރުގެ ތުހުމަތުތައް ކުރި ކަމަށެވެ.

އަދި އެ މީހުންނަށް ޖިސްމާނީ ގޮތުން އެތައް އަނިޔާއެއް ދިނުމުގެ އިތުރުން، އެ މީހުންގެ މުދަލަށް ވެސް އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.

އެކަން ކުށްވެރިކުރަމުން ޝިފާއު ވިދާޅުވެފައި ވަނީ އެފަދަ އަމަލުތަކުގެ ސަބަބުން ކުށެއް ނެތް ބަޔަކަށް އެ ދެވެނީ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. އެފަދަ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންގެ ތަހުގީގަށް ހުރަސް އެޅި، ފޮރެންސިކް ހެކިތައް ނެތި ދިނުމަށް މަގުފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބިރުވެރިކަން އިތުރުވެގެންދާ ކަމަށެވެ.

އެ މީހުންނަށް ދަނގެތީގެ ބައެއް މީހުން ގެއްލުން ދިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފަ އެވެ.

މަހުމޫދުގެ މަރަށްފަހު އެރަށުން ދެ މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެންމެ ފުރަތަމަ އަޑު ފެތުރުނީ އެމީހުން ހައްޔަރުކުރީ މަހުމޫދުގެ މަރާ ގުޅިގެން ކަމަށެވެ.

ނަމަވެސް ފަހުން ފުލުހުން ބުނެފައި ވަނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގްގެ މައްސަލައެއްގައި ކަމަށެވެ. އެމީހުންނަކީ ފުޅާ ދާއިރާއެއްގައި އެރަށުގައި ޑްރަގް ވިޔަފާރި ކުރަމުން އައި ބަޔެކެވެ. މަހުމޫދުގެ މަރާ ގުޅިގެން އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށް ކަމަށެވެ.

އެ މީހުން ބަންދުގައި ތިއްބައި މަހުމޫދުގެ މަރު މައްސަލައިގައި ފުލުހުން ވަނީ އެރަށު ނެދުންގޭގައި އޮންނަ މުސްކުޅި މީހަކު ބަލަން އުޅޭ ބަންގްލަދޭޝް މީހެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ.