އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތަށް އެ ރަށުން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހަައިފި އެވެ.
ސާލިމް މިދިޔަ މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް އެންމެ ފުރަތަމަ 15 ދުވަސް ކޯޓުން ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
ސާލިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ އޭނާގެ ބަންދަށް ދެވަނަ ފަހަރަށް 15 ދުވަސް ޖަހާފަ އެވެ.
މަހްމޫދު މަރާލާފައި އޮއްވާ މިމަހުގެ 13 ވަނަ ދުވަހު ފެނުނީ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ.
ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުންނަ މީހެކެވެ. އެ ގޭގައި އެ ދެ މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅެ އެވެ.
މަހްމޫދުގެ މަރުގެ ތަހުގީގުގައި ފުލުހުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. ފުލުހުން ބުނާ ގޮތުގައި މަހްމޫދު މަރާލުމުގައި ސާލިމް ފިޔަވާ އިތުރު މީހަކު ބައިވެރިވެފައެއް ނުވެ އެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ ސާލިމް ދިރިއުޅޭ ގެއަށް މަހްމޫދު ގެންދިއުމަށްފަހު ފައިސާ އަށް އެދުމުން އެކަމަށް މަހްމޫދު އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހްމޫދުގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހަރާފައި ހުއްޓެވެ. ވަޅިން ހަމަލާދީ މަރާލުމަށްފަހު، މަހްމޫދުގެ ހަށިގަނޑު ފެނުނު މަންޒަރު ގެއަށް އެ ހަށގަނޑު ސާލިމް ގެންދިޔައީ މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި ސާލިމްގެ ކޮނޑުގަ އެވެ.
މަހްމޫދުގެ މަރާ ގުޅިގެން ދަނގެތީގެ ރައްޔިތުން ކުރި ތުހުމަތުތަކަކާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. ނަމަވެސް ފުލުހުން ފަހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ މަހްމޫދުގެ މަރުގެ ތުހުމަތުގައެއް ނޫނެވެ. އަދި މިހާރު އެމީހުން ވަނީ ދޫކޮށްލާފަ އެވެ.