އދ. ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރު މައްސަލައިގައި އޭނާ މަރައިލި ކަމަށް އެރަށު ރައްޔިތުން ތުހުމަތުކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން އެންމެ ފުރަތަމަ ތުހުމަތު ކުރީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށެވެ. އެކަމަކު ފުލުހުން ފަހުން ބުނެފައި ވަނީ އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އެމީހުން ދަނގެތިން ހައްޔަރުކޮށްގެން ފަހުން ވަނީ މަހިނބަދޫއަށް ގެންގޮސްފަ އެވެ.
މަހުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ވަރަށް ބޮޑެތި ޒަހަމުތައްވެސް ދީފައި ހުއްޓެވެ.
މަހުމޫދުގެ ހަށިގަނޑު ވަޅަށް ވައްޓާލާފައި އޮތީ އަތާއި ފައި ބަނުމަށްފަހު ގޯންޏަކަށް ލުމަށް ފަހު އެވެ.
ފުލުހުން މިއަދު އަވަސް އަށް މައުލޫމާތު ދެމުން ބުނީ ދަނގެތިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މަހުމޫދުގެ މަރާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވި ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސާލިމް ކިޔާ މީހަކު ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަކީ އެ ރަށު "ނެދުންގެ" ގައި އޮތް އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ.
އަދި އޭނާގެ ފަރާތުން ލިބުނު މައުލޫމާތާއެކު ތަހުގީގަށް ކުރިއެރުން ލިބި ތަހުގީގު އިތުރަށް ފުޅާކޮށްފައިވެ އެވެ. ފުލުހުންްގެ އިތުރު ބަޔަކު ވަނީ ދަނގެއްޗަށް ގޮސް ތަހުގީގުގައި ބައިވެރިވާން ވެސް ފަށާފަ އެވެ.
މަހްމޫދަކީ މޮނަލާޒް ރެސްޓޯރަންޓްގެ ނަމުގައި ދަނގެތީގެ ހުޅަނގުފަރާތު އަތިރިމަތީގައި ކެއިންބުއިމުގެ ހިދުމަތް ދެމުން އައި މީހެކެވެ. މީގެ އިތުރުން އެރަށު ރައްޔިތުންނަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ރަށުގެ ގޭގެއަށް ޑެލިވަރީ ކޮށްދެނީ މަހްމޫދެވެ.