ދުނިޔެ

އެމެރިކާ ސަފީރު ފޮނުވާލާ ސަބަބު ތުރުކީން ބުނެދޭންޖެހޭ: އެމެރިކާ

އަންކާރާގައި ހުންނަ އެމެރިކާ ސަފީރުގެ މައްޗަށް "ޕާސޮނާ ނޮން ގްރާޓާ" އިއުލާނުކޮށް ތުރުކީން ފޮނުވާލަން އުޅޭ ސަބަބު ސާފުކޮށްދިނުމަށް ތުރުކީގެ ފޮރިން މިނިސްޓްރީgެކިބައިން އެދޭ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން މިކަމަށް އެދުނު ސަބަބަކީ 10 ގައުމެއްގެ ސަފީރުން ތުރުކީން ފޮނުވާލުމަށް ކުރައްވަން ހުރި ކަންތައްތައް ކުރިއަށް ގެންދެވުމަށް އެގައުމުގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ އަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެންގެވުމާ ގުޅިގެންނެވެ.

ތުރުކީ ޖަލުގައި ހުރި އުސްމާން ކަވާލާ ދޫކޮށްލުމަށް އެމެރިކާ ހިމެނޭ ގޮތުން 10 ގައުމެއްގެ ސަފީރުން އަންކާރާއަށް ގޮވާލައި ޕްރެޝަރުކުރުމާ ގުޅިގެން، އެމީހުންގެ މައްޗަށް ޕާސޮނާ ނޮން ގްރާޓާ އިއުލާންކުރަން ތުރުކީ އޮތީ ތައްޔާރަށެވެ.

އުސްމާން ކަވާލާއަކީ އެކްޓިވިސްޓެކެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ތުރުކީ ސަރުކާރާ ދެކޮޅަށް މީހުން އެއްކުރުމާއި، ސަރުކާރު ވައްޓާލަން ފަންޑުކުރުން ހިމެނެ އެވެ. އަދި 2016 ގައި ތުރުކީގައި އަސްކަރިއްޔާއިން ގެންނަން މަސައްކަތްކުރި ބަޣާވާތަށް ޚަރަދުކުރި ކަމަށް ބުނާ ތުހުމަތެއް ވެސް އެބަ އޮތެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީއަށް އެއްވެސް ގަދަރެއް ނެތް ބަޔަކަށް ކިޔާނެ މަރުހަބާއެއް ނެތެވެ. އޭނާ އަދި ވިދާޅުވީ ބޭރު ގައުމެއްގައި ސަފީރުންގެ މަގާމުގައި ތިއްބާވާ ބޭފުޅުންގެ ވާޖިބުތަކުގެ ތެރޭގައި އެގައުމެއްގެ ދާޚިލީ މައްސަލަތަކަށް ފާޑުކިޔައި ސަރުކާރަށް ޕްރެޝަރުކުރުން ހިމެނޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ތުރުކީން ފޮނުވާލަން ނަން އިއުލާންކޮށްފައިވާ ގައުމުތަކަކީ އެމެރިކާ އާއި ކެނެޑާ އާއި ޑެންމާކާއި ފިންލޭންޑް، ފްރާންސާއި ޖަރުމަނާއި ނެދަލޭންޑްސް، ނިއުޒިލޭންޑް، ނޯވޭ އަދި ސްވީޑްން އެވެ.

މިގައުމުތަކުން ބުނާ ގޮތުން ސަފީރުން ފޮނުވާލަން ޖެހޭ ވަރުގެ ކަމެއް އެބޭފުޅުން ނުކުރައްވަ އެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމަކީ ތުރުކީއަށް ކެތްނުކުރެވޭ ވަރުގެ ކަމަކަށްވުން އެއީ ހައްގުތަކަށް ގޮވާލައި ބަސްބުނާ ބަޔަކަށް ފިޔަވަޅުއެޅުމަށް އޮތް އުޒުރެއް ނޫނެވެ.

ޔޫރަޕާއި އެމެރިކާއިން ބުނާ ގޮތުން އިންސާނީ ހައްގުތަކަށް ގޮވާލައި ވަކާލާތު ކުރުމުގައި އެމީހުން ދެމިތިބޭނެ އެވެ. އިންސާނީ ހައްގުތަކަށް ކަމޭނުހިތާ ނަމަ އެބަޔަކަށް އަދަބު ދިނުމަށް ވިލާތާއި ހުޅަނގުން އަތްގުޅާލާނެ އެވެ.