ދުނިޔެ

ތުރުކީގެ ބަޣާވާތުގައި ދައުރެއް ނޯންނާނެ: އެމެރިކާ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުން ޖުލައި 15، 2016 ގައި ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތުގައި އެމެރިކާގެ ދައުރެއް ނޯންނާނެ އެވެ. ސްޓޭޓް ޑިޕާޓްމަންޓް ސްޕޯކްސްމަން ނެޑް ޕްރައިސް ވިދާޅުވީ ބަޣާވާތުގައި އެމެރިކާގެ ދައުރެއް އޮންނާނެ ކަމަށް ދޭހަވާ ގޮތަށް ތުރުކީ އޮފިޝަލަކު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ތުރުކީ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޮއެލު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިލިޓަރީން ގެނައި ބަޣާވާތަކީ "ފަތުހުﷲ ޓެރަރިސްޓް އޮގަނައިޒޭޝަން" (އެފްއީޓީއޯ) އަށް އެކަނި ކުރެވޭނެ ކަމެއް ނޫން ނަމަށެވެ. އޭނާ ވިދާޅުވީ އެ ޖަމާއަތުގެ މުގޫ އޮތީ އެމެރިކާގައި ކަމަށާއި މިކަމުން ހުރިހާ އެއްޗެއް ސާފުވާ ކަމަށެވެ.

ފަތުހުﷲ ޓެރަރިސްޓް އޮގަނައިޒޭޝަން ނިސްބަތް ކުރަނީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ފަތުހުﷲ ގްލެން އަށެވެ. ތުރުކީ ސަރުކާރުން ގަބޫލްކުރަނީ ނާކާމިޔާބުކޮށްލި ބަޣާވާތް ރާވައި ހިންގުމުގައި ހުރިހާ ދަައުރެއް އަދާކުރީ ގުލެން ކަމަށެވެ. އަނެއްކޮޅުން، އޭނާ ދިރިއުޅެނީ އެމެރިކާގެ މަދަދާއެކު ކަމަށް ވާތީ ކަންކުރާނެ ގޮތް އެމެރިކާއިން ބުނެދިނުން ގާތް ކަމަށެވެ.

ތުރުކީގައި ކުރި މި ބަޣާވާތުގައި 250 މީހުން މަރުވެ 2،200 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ތުރުކީ ސަރުކާރުން ދެކޭ ގޮތުގައި ސަރުކާރު ބަދަލުކުރުމަށް ގުލެން އަބަދު ވެސް މަސައްކަތްކުރެ އެވެ. އޭނާ އާންމުކޮށް މަސައްކަތްކުރަނީ މިލިޓަރީ އާއި ޖޫޑިޝާރީ އަދި ފުލުހުން ފަދަ މުއައްސަސާތައް ފޫއަޅުވާލައި ކަތުރުފަނިއަޅުވައިގެން ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބާޔާނެއް ނެރެ އޮޅުންފިލުވައިދިން ނަމަވެސް ތުރުކީން ބުނާ ގޮތުގައި ބަޣާވާތުގައި ފަހަތުގައި ވަނި ގުލެންކަން ސާބިތުކުރެވޭ ވަރަށް ވަނީ ހެކިލިބިފަ އެވެ. އަދި އޭނާ އެމެރިކާއިން ބޭރުކޮށް ތުރުކީއަށް ފޮނުވައިދޭން އެމެރިކާގެ ކިބައިން އެދުނު އެދުމަށް އެއްވެސް އެހީތެރިކަމެއް ދީފައި ނުވާ ކަމަށް ވެސް ތުރުކީން ބުނެ އެވެ.