ދުނިޔެ

ތުރުކީގެ ފައިޓަރު ޖެޓްތަކަށް އޭވިއޮނިކްސް ސޮފްޓްވެއާ އަޕްޑޭޓެއް

އެމެރިކާގައި އުފައްދާ އެފް-16ގެ 200 އަށް ވުރެ ގިނަ ފައިޓަރު ޖެޓު ތުރުކީގައި ބޭނުންކުރެ އެވެ. މި ޖެޓްތައް ޒަމާނީކުރުމަށް ބޭނުންވާ އޭވިއޮނިކްސް ސޮފްޓްވެއާ ހޯދަން -- ގަންނަން ތުރުކީން ފައިސާ ދައްކާފައި ވަތާ ވެސް އެތައް އަހަރެއް ވަނީ ވެފަ އެވެ.

އެހެންނަމަވެސް އެކި ބަހަނާ ދައްކައި އެމެރިކާއިން ވަނީ ތުރުކީއަށް ސޮފްޓްވެއާ ވިއްކުން ވަރަށް ބޮޑަށް ލަސްކޮށްފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދިނުމާ އެކު ތުރުކީއަށް 259 މިލިއަން ޑޮލަރުގެ ސޮފްޓްވެއާ ޕެކޭޖެއް ވިއްކާނެ އެވެ. މީގެތެރޭގައި ފައިޓަރު ޖެޓްތަކުގެ ރާޑަރު ސިސްޓަމްގެ ފެންވަރު މަތިކުރުމާއި ނެވިގޭޝަން އާލާތްތަކުގެ އިތުރުން ދުޝްމަނުންގެ ރާޑަރުތަކަށް އޮޅުވާލަން ބޭނުންވާ ސޮފްޓްވެއާ ހިމެނެ އެވެ.

ތުރުކީއަށް ސޮފްޓްވެއާ ވިއްކަން ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ މިދިނީ ނޭޓޯގައި ބައިވެރިވުމަށް ތުރުކީން ފިންލަންޑަށް ރުހުންދިންތާ ދެހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފައިޓަރު ޖެޓަށް ބޭނުންވާ ސޮފްޓްވެއާގެ އިތުރުން، ތުރުކީން ވަނީ އެފް-16ގެ އާރޯތާނާ 40 ޖެޓް ގަންނަން ބޭނުންވާ ފައިސާ ވެސް އެމެރިކާއަށް ދައްކާފަ އެވެ. އެހެންނަމަވެސް ރަޝިއާގައި އުފައްދާ އެސް400 މަރުކާގެ މިސައިލް ޑިފެންސް ސިސްޓަމްތަކެއް 2017 ގައި ތުރުކީން ގަތުމާ ގުޅިގެން، ފައިޓަރު ޖެޓްތައް ވިއްކުން އެމެރިކާއިން އޮތީ ހިފަހައްޓާފަ އެވެ.

އެކަމަކު ޚަބަރުތައް ބުނާ ގޮތުން ނޭޓޯގައި ސްވިޑަން ބައިވެރިވުމަށް ތުރުކީން ރުހުންދީފިނަމަ، ތުރުކީއަށް ފައިޓަރު ޖެޓްތައް އެމެރިކާއިން ވިއްކާނެ އެވެ. އެ މުއާމަލާތްތައް އަލުން ކުރިއަށް ގެންދާނެ އެވެ.

އެމެރިކާއިން ތުރުކީއަށް ފައިޓަރު ޖެޓު ވިއްކުމުގައި ދެކޮޅަށް ކެނޑިކެނޑި އޮތް އަނެއް ސަބަބަކީ، އެފް16 ގެ ޓެކްނޮލޮޖީ ރަޝިއާގެ އަތުގައި ޖެހިދާނެ ކަމަށް އޮތް ބިރެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުގައި ރަޝިއާ އާއި ތުރުކީ އަކީ އަސްކަރީ ފެންވަރުގައިވެސް ވަރަށް ގާތް ދެ ގައުމެވެ. އަދި ރަޝިއާގައި އުފައްދާ ފައިޓަރު ޖެޓްތައް ގަތުމަށްޓަކައި ތުރުކީން މަޝްވަރާކޮށްފައި ވުމެވެ.

ތުރުކީގައި 1987 އިން ފެށިގެން އެފް16ގެ ފައިޓަަރު ޖެޓްތައް ބޭނުންކުރެ އެވެ. އެހެން ނަމަވެސް، ޒަމާނީ ފައިޓަރު ޖެޓްތައް ތުރުކީއަށް ވިއްކަން އެމެރިކާ ބޭނުން ނުވަނީ ރަޝިއާއާ އޮތް ގާތްކަމުގެ ސަބަބުންނެވެ.

އެމެރިކާއިން އެފް16 ގެ ފައިޓަރު ޖެޓްތައް އުފެއްދީ ރަޝިއާގެ މިގް29 މަރުކާގެ ފައިޓަރު ޖެޓްތަކާ ވާދަކުރުމަށެވެ.

އެފް16ގެ ޖެޓްތަކާ މެދު ބުނެވެނީ ވައިގެ ތެރޭގައި ގެންގުޅެން ވަރަށް ފަސޭހަ ޖެޓްތަކެއް ކަމަށެވެ. ދުޝްމަނުންނަށް ހަމަލާދީފައި އޮތް ތަނުގައި އޮވެ އަނބުރާލުމާއި މިސައިލްތަކުން ރެކުމަށް ވަރަށް ކުޅަދާނަ ޖެޓްތަކެއް ކަމަށް ބުނެވެ އެވެ.

އެމެރިކާއިން އިރާގު ހަނގުރާމާގައި ވެސް މި މޮޑެލްގެ ޖެޓްތައް ބޭނުންކުރި އެވެ. އިންޑިއާ-ޕާކިސްތާން ހަމަނުޖެހުންތަކުގައި ވެސް ވަނީ ބޭނުންކޮށްފަ އެވެ. އަދި އިޒްރޭލުން ސީރިއާއަށް ހަމަލާދިނުމުގައި ވެސް މި ވައްތަރުގެ ޖެޓްތައް ވަނީ ބޭނުންކޮށްފަ އެވެ.