ދުނިޔެ

ތުރުކީއަށް އެފް-16ގެ ފައިޓަރު ޖެޓްތައް ވިއްކުން ހުއްޓުވަނީ

ތުރުކީ އަކީ އެމެރިކާގައި އުފައްދާ އެފް-16ގެ ޖެޓްތައް ވިއްކާ ވަރުގެ ގައުމެއް ނޫން ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބޮބް މެނެންޑެޒް ވިދާޅުވެއްޖެ އެވެ.

ނިއު ޖާޒީ ތަމްސީލުކުރައްވާ ޑިމޮކްރެޓް މެމްބަރު ވިދާޅުވި ގޮތުގައި ބައިޑަން ސަރުކާރުން ތުރުކީއާ އެކު މަޝްވަރާކުރަމުން ގެންދާ 20 ބިލިއަން ޑޮލަރުގެ ޑީލް ހުއްޓުވަން ކުރެއްވެން ހުރިހާ މަސައްކަތެއް ކުރައްވާނެ އެވެ.

އޭނާ ވިދާޅުވީ ތުރުކީ އަކީ އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި އެއްވެސް ކަމެއް ކުރާ ގައުމެއް ނޫން ކަމަށާއި ފައިޓަރު ޖެޓްތައް ވިއްކުމުން ދެންވެސް ވާނީ އަނިޔާވެރި ކަމަށެވެ.

ތުރުކީ އަކީ ނޭޓޯ މެމްބަރެއް ގޮތުގައި ވެސް ނޭޓޯއާ އަޅާލާ ގައުމެއް ނޫން ކަމަށް ސެނެޓަރު ވިދާޅުވި އެވެ. އެމެރިކާގައި އުފައްދާ ޒަމާނީ ހަތިޔާރާއި އަސްކަރީ އާލާތްތައް ވިއްކާ ވަރުގެ ސަރުކާރެއް ތުރުކީގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީއަށް އެފް-16ގެ ޖެޓްތައް ވިއްކުމަކީ ބަހުސަށް ހުށަހެޅިފައި އޮތް މައުލޫއެކެވެ. ތުރުކީން ބުނާ ގޮތުން ޖެޓްތަަކަށް ބޭނުންވާ ފައިސާ ދެއްކި ނަމަވެސް އެމެރިކާއިން ޖެޓްތައް ފޮނުވަން ޝައުގުވެރިވާ ތަނެއް ނުފެނެ އެވެ.

ތުރުކީ އެދިފައި އޮތީ އެފް-16ގެ 40 ޖެޓާއި އަދި މިހާރު ތުރުކީގައި ބޭނުންކުރާ 80 ޖެޓް މަރާމާތުކޮށް އާބާތުރަފިލުވަން ބޭނުންވާ ބައިތައް ވިއްކުމަށެވެ. އެމެރިކާއިން މިކަމަށް އެއްބަސްވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ފާޑުކިޔުމާ ހެދި ވަނީ ގޮތެއް ނިންމަން ދަތިވެފަ އެވެ.

މި މައުލޫއަށް އަނެއްކާ ވެސް މަޝްވަރާ ފެށިގެން އުޅޭ ސަބަބަކީ ސްޓޭޓް ޑިޕާޓްމަންޓުން މިކަން ކުރަން އެދި މަޖިލީހަށް ފޮނުވި ލިޔުމަކާ ގުޅިގެންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުން މަޖިލީހުގައި އެދިފައިވަނީ ތުރުކީއަށް ޖެޓްތައް ވިއްކުމަށްޓަކައި މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށެވެ.

ތުރުކީއަށް ޖެޓްތައް ވިއްކުން އެމެރިކާ އިން ލަސްކުރަނީ ގަސްދުގަ އެވެ. ދުނިޔޭގައި މިހާރު ތުރުކީ ކުޅެމުންދާ ރޯލަށް ބަލާއިރު ތުރުކީ އަކީ ގައުމުތަކުގެ މެދުގައި މަގުބޫލު އަދި ބަލައިގަންނަ ގައުމަކަށް ވަނީ ވެފަ އެވެ.

އެހެންކަމުން ތުރުކީ ލައްވައި އެމެރިކާ ބޭނުންވާހާ ކަމެއް ކުރުވާފައި ނޫނީ ޖެޓްތަކާ ބެހޭ ގޮތުން ގޮތެއް ނިންމަން އެމެރިކާ ބޭނުން ނުވަނީ އެވެ.

އޭގެ އެއް މިސާލަކީ ސްވިޑަން އާއި ފިންލޭންޑުން ނޭޓޯގައި ބައިވެރިވާން ކުރާ މަސަައްކަތްތަކެވެ.

ނޭޓޯގައި ބައިވެރިވުމަށް ސްވިޑަން އާއި ފިންލޭންޑަށް މިހާރު އޮތް ހުރަހަކީ ތުރުކީ އެވެ. އެމެރިކާ އެދޭ ގޮތަކީ ސްވިޑަން އާއި ފިންލޭންޑަށް ތުރުކީން ރުހުން ދިނުމެވެ. އަދި ޖެޓްތަކާ ބެހޭ މަޝްވަރާ ފަހަށް ބޭއްވުމެވެ.