ދުނިޔެ

ތުރުކީން އެމެރިކާއަށް ދެއްކި 23 ބިލިއަން ޑޮލަރުން ބައެއް އަތުލަނީ

އެމެރިކާގެ ލޮކްހީޑް މާޓިންއިން އެފް16 މަރުކާގެ 40 ފައިޓަރު ޖެޓު ގަތުމަށް 2021 ގައި ތުރުކީ އިން 23 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެމެރިކާއާ އެކު އޮތީ ހަދާފަ އެވެ.

ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެމެރިކާއިން އަދިވެސް މި ޖެޓްތައް ތުރުކީއަށް ރައްދެއް ނުކުރެ އެވެ.

ދުނިޔޭގެ އަސްކަރީ ސިނާއަތުގައި ތުރުކީ އަކީ މިހާރު ކުރިއެރުންތަކެއް ހޯދާފައި އޮތް ގައުމެކެވެ. އަސްކަރީ ޑްރޯންތަކާއި ހަތިޔާރު އަމިއްލައަށް އުފައްދައި ތުރުކީ މިހާރު ދަތުރުކުރަނީ ދުވެލި ބާރު ފައިޓަރު ޖެޓުތައް އަމިއްލައަށް އުފެއްދުމާ ދިމާއަށެވެ.

ތުރުކީއަށް މިހާ ހިސާބަށް އާދެވިފައި އޮތުމުން އެމެރިކާއާ އެކު ހަދާފައި އޮތް 23 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ސައިޒު ކުޑަކޮށް އެއިން ބައެއް ފައިސާ ހޯދަން ތުރުކީން ވަނީ މަސައްކަތް ފަށާފަ އެވެ. މިގޮތުން ލިބޭ ފައިސާއިން ކުރަން ރާވާފައި އޮތް ކަމަކީ ތުރުކީގެ އަސްކަރީ ސިނާއަތު އަމިއްލައަށް ތަރައްގީކުރުމެވެ.

ތުރުކީއަށް ފައިޓަރު ޖެޓު ވިއްކުމަށް އެއްބަސްވުމެއްގައި އެމެރިކާއިން ސޮއިކުރި ނަމަވެސް ޖެޓުތައް ފޮނުވާ ހިސާބަށް ދިއުމުން ދައްކަން ފެށީ ބަހަނާ އެވެ.

ތުރުކީއަށް ބޭނުންވާ މިސައިލުން ދިފާއުކޮށްދޭ ނިޒާމުތައް ރަޝިއާ އަތުން ގަތުމަށް ހަދާފައި އޮތް އެއްބަސްވުމަށް ފާޑުކިޔައި -- އެމެރިކާއާ އެކު އަސްކަރީ އެއްބަސްވުން ހަދާ ގައުމުތަކުން، ރަޝިއާގެ މިސައިލް ޑިފެންސް ސިސްޓަމްތައް ގަނެގެން ނުވާނެ ކަމަށް ބުނެ ތުރުކީއަށް ފައިޓަރު ޖެޓުތައް ފޮނުވުމަށް އެމެރިކާ ދެކޮޅު ހެދި އެވެ.

ތުރުކީ އަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމެއްކަން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އެނގިފައި އޮތުމުން ޓެރަރިސްޓުންނަށް އެއްބާރުލުން ދިނުމަކީ އެމެރިކާ ކުރާ ކަމެއް ނޫން ކަމަށް ބުނެވެސް ފައިޓަރު ޖެޓުތައް ފޮނުވަން އެމެރިކާ ދެކޮޅު ހެދި އެވެ.

މި ގޮތުގައި ފައިޓަރު ޖެޓުތައް ލަސްކުރަމުން ގޮސް ސްވިޑަންއަށް ނޭޓޯ މެމްބަރުކަން ދިނުމަށް ތުރުކީ ރުހިއްޖެނަމަ ފައިޓަރު ޖެޓުތައް ފޮނުވާނެ ކަމަށް ޖޯ ބައިޑަންގެ ސަރުކާރުން ބުންޏެވެ.

ސްވިޑަން އަކީ މިހާރު ނޭޓޯގެ މެމްބަރު ގައުމެކެވެ. ތުރުކީއަށް އަދިވެސް ފައިޓަރު ޖެޓުތަކެއް ނުލިބެ އެވެ.

އެމެރިކާގެ މިފަދަ ދަތިކުރުންތަކާ ހެދި ތުރުކީން މިހާރު ވިސްނަނީ އަމިއްލަ ފައިމައްޗަށް ތެދުވެ އަސްކަރީ ސިނާއަތުގައި ނުފޫޒުގަދަ ގައުމަކަށް ވުމަށެވެ.

އެމެރިކާއަށް ދެއްކި 23 ބިލިއަން ޑޮލަރުން ބައެއް ހޯދުމަށް ތުރުކީން ވިސްނަނީ މި ނިޔަތުގަ އެވެ.