ލައިފްސްޓައިލް

އައިފޯނަށް އޯޑަރު ކުރީމަ ލިބުނީ ސައިބޯންޏެއް!

އޮންލައިންކޮށް ބާޒާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައި އެ މީހަކު ބޭނުންވާ އެއްޗެއް ހުއްޓަސް އެ އެއްޗަކަށް އޯޑަރުކޮށްލާފައި ފައިސާ ދައްކާލުމުން އަމިއްލަ ރަށުގައި ހުންނަ ޕޯސްޓް އޮފީހަކާއި ހަމައަށް ނުވަތަ ގޭގެ ދޮރުމައްޗަށް އެ އެއްޗެއް ޑެލިވާ ކޮށްލަދެ އެވެ.

އޮންލައިން ޝޮޕިން ފަސޭހަޔަސް އޭގައި ވަރަށް ބޮޑެތި ރިސްކްތައް ވެސް އެކުލެވިގެން ވެއެވެ. އެމީހަކު އޯޑަރު ކުރި ނޫން އެހެން އެއްޗެހި ލިބިގެން ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރުން މިއީ އޭގެ ހެއްކެކެވެ.

އީ-ކޮމާސް ކުންފުނިތަކުން މިގޮތަށް މީހުން އޯޑަރުކުރާ އެއްޗެތި އޮޅުވާލައިގެން އޯޑަރު ކުރި ނޫން އެހެން އެއްޗެއް ފޮނުވާ މައްސަލަތައް ގިނަވެފައި ވަނިކޮށް އިއްޔެ ސޯޝަލް މީޑިއާގައި މިފަދަ ހާދިސާއެއްގެ ވާހަކަ މީހަކުވަނީ ޝެއާ ކޮށްފަ އެވެ. އެމީހާ ބުނި ގޮތުގައި އޭނާ އައިޕޯން 12 އަކަށް އޯޑަރު ކުރީމަ ލިބުނީ ސައިބޯންޏަކާއި ފަސް ލާރި އެވެ.

އިންޑިޔާގެ ކެރެލާގެ އަލުވާ ކިޔާ ރަށުގައި ދިރިއުޅޭ ނޫރުލް އަމީން ބުނި ގޮތުގައި އޭނާ 12 އޮކްޓޯބަރު 2021ގައި އެމެޒޯނުން އައިފޯން 12 އެއް އޯޑަރުކޮށް 70،900 އިންޑިއާ ރުޕީސް ދެއްކި އެވެ. އޭނާ ފައިސާ ދެއްކީ އެމެޒޯން ޕޭ ކާޑުންނެވެ.

ނޫރުލް އަމީން އޯޑަރުކުރި ޕާރުސަލް އޭނާއަށް ލިބުނީ 15 އޮކްޓޯބަރުގަ އެވެ. އޮންލައިން ވިޔަފާރީގައި މަކަރު ހެދުމާއި އޮޅުވާލުމުގެ ގިނަ ހާދިސާތަކެއް ހިނގާކަން ނޫރުލް އަމީނަށް ވެސް އަޑު އިވިފައިވާތީ އޭނާ އެ ޕާރުސަލް ކެނޑީ އެ ހިފައިގެން އައި ޑެލިވަރީ ބޯއީގެ ކުރިމަތީގައި އޭނާ ބަހައްޓައިގެންނެވެ. އަދި ޕާރުސަލް ކެނޑި މަންޒަރު ވީޑިއޯވެސް ކުރި އެވެ.

ޕާރުސަލް ކެނޑިއިރު އޭގެ ތެރޭގައި އެޕަލް ފޯނު ލާ ކަހަލަ ފޮއްޓަކަށް ލާފައިއޮތީ ސައިބޯންޏަކާއި ފަސް ލާރި އެވެ.
ވަގުތުން ނޫރުލް އަމީން ސައިބާ ޕޮލިސް ސްޓޭޝަނަށް ގޮސް މި މައްސަލަ ހުށަހެޅި އެވެ. ޕޮލިސް ވަގުތުން މައްސަލަ ތަހުގީގުކުރަން ފެށި އެވެ. އެ ފޯނު ފޮށީގައި އިން އައިއެމްއީއައި ނަންބަރު ބޭނުން ކޮށްގެންނެވެ.

ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި ނޫރުލް އަމީނަށް ލިބެން ޖެހޭ ފޯނަކީ ސެޕްޓެމްބަރު މަހުން ފެށިގެން ޖަރްކަންޑް ކިޔާ ރަށެއްގެ މީހަކު ބޭނުންކުރާ ފޯނެކެވެ.

މި މައްސަލަ ތަހުގީގުކުރި ޕޮލިސް އޮފިސަރަކު އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެފަރާތުން އެމެޒޯންގެ ކަމާ ބެހޭ އޮތޯރިޓީތަކާ ގުޅުމުން އެ ތަނުން ޖަވާބު ދީފައިވަނީ އެ ފޯނުގެ އޯޑަރު ބަލައިގަނެފައިވަނީ މި އަހަރުގެ އޯކްޓޯބަރުގައި ނަމަވެސް އެއީ މި އަހަރުގެ ސެޕްޓެމްބަރު 25 އިން ފެށީގެން ޖަރްކަންޑްގެ މީހަކު ގަނެގެން ބޭނުންކުރާ ފޯނެއް ކަމަށެވެ.
"އެ ފޯނު ވިއްކާ ފަރާތަކަށް އަހަރެމެން ގުޅީމަ ބުނި އެ ފޯނުގެ ސްޓޮކް ހުރީ ހުސްވެފަޔޯ. ނޫރުލް ދެއްކި ފައިސާ އޭނާއަށް އަނބުރާ ދޭނަމޯ،" ފުލުހުން ބުނެފައި ވެއެވެ.