ބޮލީވުޑް

"ބަންޓީ އައުރު ބަބްލީ 2"- ކުރީ ފިލްމަށް ވުރެ މަޖާވާނެ!

އެކުގައި ސްކްރީނުން ނުފެންނަތާ 10 ވަރަކަށް އަހަރަށް ފަހު ރާނީ މުކަރުޖި އާއި ސައިފް އަލީ ޚާން އަނެއްކާވެސް އާ ފިލްމަކާ އެކު ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެއްޖެ އެވެ.

މިފަހަރު މި ދެ ތަރިން އެކުގައި ކުޅެނީ 2005 ގައި ރިލީޒްކުރި ވަރަށް ހެއްވާ މަޖާ ފިލްމެއް ކަމަށްވާ "ބަންޓީ އައުރު ބަބްލީ"ގެ ސީކުއަލް އެވެ.

މީގެ ފުރަތަމަ ފިލްމުގައި ބަންޓީ އާއި ބަބްލީގެ ރޯލު ކުޅުނީ އަބީޝެކް ބައްޗަން އާއި ރާނީ އެވެ. ބަންޓީ އާއި ބަބްލީ އަކީ ވައްކަންކޮށް މީހުންނަށް ލަނޑުދީގެން އަބަދު ނޫސްތަކުގެ ފަލަ ސުރުޚީ އަށް އަރަމުން ދިޔަ ދެ މީހުންނެވެ.

ދެވަނަ ފިލްމުގައި ވެސް އުޅެނީ ހަމަ އެ ބަންޓީ އާއި ބަބްލީ އެވެ. ނަމަވެސް މިފަހަރު ބަންޓީގެ ސިފަ ހުރީ ބަދަލުވެފަ އެވެ. އަދި ބަންޓީ އާއި ބަބްލީ ކައިވެނިކޮށް ބަބްލީ ގެވެހި އަންބެއްގެ ގޮތުގައި އުޅުނަސް ކުރީގެ ދިރިއުޅުން ނޫޅެވޭތީ ހިތާމަކުރާތަން ދެވަނަ ފިލްމުގައި ފެންނާނެ އެވެ. ހަމަ އެގޮތަށް ބަންޓީ ވެސް ހުންނަނީ ރިޓަޔަ ވެފަ އެވެ. ނަމަވެސް ކުރިން އުޅުނު ގޮތަށް ނޫޅެވޭތީ އޭނާ ވެސް ވަރަށް ހިތާމަކުރެ އެވެ.

"ބަންޓީ އައުރު ބަބްލީ 2"ގެ ފުރަތަމަ ޓީޒާ

މި ފިލްމުގައި ރާނީ އާއި ސައިފް ކުޅެނީ މެދު އުމުރުގެ ދެ މީހުންގެ ރޯލެވެ. އަދި ސައިފް ބުނި ގޮތުގައި އޭނާގެ ކެރެކްޓާއަށް ފިޓްވާން ފަލަވެ ބޮޑު ބަނޑެއް ވެސް ލާން ޖެހުނެވެ. ނަމަވެސް ޝޫޓިން ނިމުމާއެކު އިތުރުވި ކިލޯތައް ދުއްވާލަން ވެސް ޖެހުނެވެ. ސަބަބަކީ އޭނާ ކުޅޭ ގިނަ ފިލްމުތަކެއް އޭގެ ފަހުން ވެސް ހުރީމަ އެވެ.

މި ފިލްމުގައި ރާނީ އާއި ސައިފްގެ އިތުރުން ސިދާންތު ޗަތުރަވޭދީ އާއި ޝަރްވަރީ ވާގް ވެސް ބައިވެރިވެ އެވެ.

މި ފިލްމު އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ފިލްމު ޕްރޮޑިއުސްކުރާ ޔާޝް ރާޖް ފިލްމްސް އިން ވަނީ އިއުލާންކޮށްފަ އެވެ. އަދި ފިލްމުގެ ތަރިން މިހާރު ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.