"ބަންޓީ އައުރް ބަބްލީ 2"ގެ ޝޫޓިން ފަށަން ޕްރޮޑިއުސަރު ޔާޝް ރާޖް ފިލްމްސް އާއި ޓީމުން ތައްޔާރުވެއްޖެ އެވެ.
މިއީ 2005 ގައި ރާނީ މުކަރުޖީ އާއި އަބީޝެކް ބައްޗަން ކުޅުނު ފިލްމެއް ކަމަށްވާ "ބަންޓީ އައުރް ބަބްލީ"ގެ ސީކުއަލް އެކެވެ. ޝާދް އަލީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ވެފައިވަނީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ.
މި ސިލްސިލާގެ މުޅިން އާ ފިލްމެއް ފަށާއިރު ތަރިންގެ ގޮތުގައި ނަގާފައިވަނީ ސައިފް އަލީ ޚާނާއި ރާނީ މުކަރުޖީ އަދި ސިދާންތު ޗަތުރަވޭދީ އާއި ޝަރްވަރީ ވާގް އެވެ. މި ފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ ވަރުން ޝަރުމާ އެވެ.
ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެ އިންޑިއާ ލޮކްޑައުންކުރިއިރު ފިލްމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ނަމަވެސް ފިލްމު އިންޑަސްޓްރީގެ މަސައްކަތް ހުއްޓާލުމުން ޝޫޓިން ހުއްޓާލަން މަޖްބޫރުވީ އެވެ. މިހާރު އަނެއްކާވެސް ފިލްމުގެ ޝޫޓިން އަލުން ފަށަން ޕްރޮޑިއުސަރުން ދަނީ ތައްޔާރު ވަމުންނެވެ.
ބައެއް ނޫސް ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން މިހާރުވެސް އޮތީ ނިމިފަ އެވެ. ނަމަވެސް ފަހު ޝެޑިއުލް އަދި އޮތީ ޝޫޓް ނުކޮށެވެ.
"ބަންޓި އައުރް ބަބްލި 2"ގެ ޓީމުން މިހާރު ގަސްތުކުރަނީ އަންނަ އޮގަސްޓްގައި ޝޫޓިން ފަށައި ވީހާވެސް އަވަހަކަށް ފިލްމުގެ މަސައްކަތް ނިންމާލާށެވެ. ވަރަށް ޚާއްސަ ނެށުމެއް ހިމެނޭ ލަވައެއް އަދި ޝޫޓްކުރަން ޖެހިފައި އޮތުމުން މި ލަވަ ނެގުމުގައި ސޭފްޓީ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް މިހާރު ޕްރޮޑިއުސަރުން ދަނީ ރާވަމުންނެވެ.
ފިލްމުގައި މަސައްކަތްކުރާ މީހަކު މައުލޫމާތު ދިން ގޮތުގައި ޝޫޓްކުރަން އޮތް ލަވައަކީ މުޅި ފިލްމުގެ ވާހަކަ އެ ލަވައަކަށް ބިނާވާ ލަވައެއް ކަމުން އެ ލަވަ ކޮންމެހެން ވެސް ފުރިހަމަ ކުރަން ޖެހެ އެވެ.
އެހެންވެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ވަރުން މަޝްވަރާ ކުރުމަށްފަހު ޔާޝްރާޖް ފިލްމްސް ހުންނަ ތަނުގައި ސެޓު ތައްޔާރުކޮށް ވީހާވެސް މަދު ކުރޫންނާއެކު ލަވަ ޝޫޓްކުރަން މިހާރު ވަނީ ނިންމާފަ އެވެ.
އޭރުން ޝޫޓިން އޮންނަ ތަން ކޮންޓްރޯލް ކުރަން ފަސޭހަ ވެފައި ސޭފްޓީ ގައިޑްލައިން އާ އެއްގޮތަށް އަމަލުކުރަން ވެސް ފަސޭހަ ވާނެކަމަށް ފިލްމުގައި ބައިވެރިވާ އެންމެން ވެސް ގަބޫލުކުރެ އެވެ.
މި ލަވައިގެ ޝޫޓިން އޮގަސްޓްގައި ކުރިޔަށް ގެންދެވޭނީ ޝޫޓިން ބާއްވާތަން ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް އެންގުމުން އެތަނުގެ އޮފިޝަލުން އައިސް ބަލައި ހުއްދަ ދިނުމުންނެވެ.
"ބަންޓީ އައުރް ބަބްލީ"އަކީ ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފިލްމަކަށް ވާތީ ފިލްމުގެ ދެ ވަނަ ބަޔަކަށް ވަރަށް ގިނަ ފޭނުން އިންތިޒާރު ކުރެ އެވެ. ޚާއްސަކޮށް މިއީ "ހަމް ތުމް" އާއި "ތަރަ ރަމް ޕަމް ޕަމް" ފަދަ ރީތި ފިލްމުތައް ކުޅުމަށްފަހު ރާނީ އާއި ސައިފް އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށް ވާތީ ވެސް ގިނަ ބަޔަކު ތިބީ މި ފިލްމު ބަލާލާ ހިތުންނެވެ.