ލައިފްސްޓައިލް

"ބަންޓީ އައުރް ބަބްލީ 2": ސައިފް އަދި ރާނީ އާއެކު އާ ދެ ތަރިން

ސައިފް އަލީ ޚާން އާއި ރާނީ މުކަރުޖީ އާއެކު "ބަންޓީ އައުރް ބަބްލީ 2"ގެ މަސައްކަތް ޔާޝްރާޖް ފިލްމްސް އިން ފަށައިފި އެވެ.

މިއީ އެ ކުންފުނިން ޕްރޮޑިއުސްކުރި "ބަންޓީ އައުރް ބަބްލީ"ގެ ސީކުއަލް އެކެވެ. އަބީޝެކް ބައްޗަން އާއި ރާނީ މުކަރުޖީ ލީޑް ރޯލު ކުޅުނު "ބަންޓީ އައުރް ބަބްލީ"އަކީ ބްލޮކްބަސްޓާ އެކެވެ.

ރާނީ އާއި ސައިފް އަކީ "ތަރަ ރަމް ޕަމް" އާއި "ހަމް ތުމް"ގައި އެކުގައި މީގެ 11 އަހަރު ކުރިން މަސައްކަތް ކޮށްފައިވާ ވަރަށް ކާމިޔާބު ފިލްމީ ޖޯޑެކެވެ. މި ދެ ތަރިންނާއެކު ވަރަށް ފްރެޝް އާ ޖޯޑެއް މި ފިލްމުން ތައާރަފްވާނެ އެވެ. އެއީ "ގަލީ ބޯއީ" އިން މަޝްހޫރުވި ސިދާންތު ޗަތުރަވޭދީ އާއި އާ ބަތަލާއެއް ކަމަށްވާ ޝަރްވަރީ އެވެ.

"ބަންޓީ އައުރް ބަބްލީ"ގައި ރާނީ އާއި އަބީޝެކް ކުޅުނު ބައި މިފަހަރުގެ ފިލްމުގައި ކުޅޭނީ ސިދާންތު އާއި ޝަރްވަރީ އެވެ. ކުރީގެ ފިލްމާ ތަފާތުކޮށް މިފަހަރުގެ ފިލްމުގައި ވަރަށް ހައިރާން ކުރުވަނިވި ޓުވިސްޓެއް ފެންނާނެ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ސައިފް ބުނި ގޮތުގައި މި ފިލްމު ކުޅުމުގެ ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. މިއީ ވަރަށް އާދަޔާޚިލާފު މޮޅު ސްކްރިޕްޓަކަށް ތައްޔާރު ކުރާ ފިލްމެއް ކަމަށް ސައިފް ބުންޏެވެ.

ރާނީ ބުނި ގޮތުގައި މީގެ ފުރަތަމަ ބައި ވަރަށް ގިނަ ބަޔަކަށް ކަމުގޮސް ވަރަށް ކާމިޔާބު ހޯދި ކަމަށެވެ. އެހެންވެ މީގެ ސީކުއަލް އެއް ތައްޔާރުކުރަން ޔާޝްރާޖް އިން ނިންމައި އޭނާ އަށާއި އަބީޝެކް އަށް ހުށަހެޅި ކަމަށާއި ނަމަވެސް އަބީޝެކް އަށް ވަގުތު ނެތިގެން މި ފިލްމުގައި ބައިވެރި ނުވެވުނީ ކަމަށެވެ. މިފަހަރުގެ ފިލްމު ކުޅޭއިރު އަބީޝެކް މަތިން ވަރަށް ހަނދާންވާނެ ކަމަށް ވެސް ރާނީ ބުންޏެވެ.

އަދިތުޔާ ޗޯޕްޅާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ. ޔާޝްރާޖް އިން މިހާތަނަށް ވެސް ވަރަށް ގިނަ އާ ޑައިރެކްޓަރުންނަށް އެ ކުންފުނިން ޕްރޮޑިއުސްކުރާ ފިލްމުތައް އުފެއްދުމުގެ ފުރުސަތު ދީފައިވާއިރު މިފަހަރުގެ ފިލްމު ވެސް ދީފައިވަނީ އަލަށް އެ މަސައްކަތް ފަށާ ވަރުން ޝަރުމާ އަށެވެ. ވަރުން އަކީ ޔާޝްރާޖް އިން މީގެ ކުރިން އުފެއްދި ބްލޮކްބަސްޓާ ފިލްމުތައް ކަމަށްވާ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޒުވާން ހުނަރުވެރި ޑައިރެކްޓަރެކެވެ.