ރާނީ މުކަރުޖީގެ އާ ފިލްމު "މަރްދާނީ 2" މިދިޔަ ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް މާ ބޮޑު ޖާދޫއެއް ނުދެއްކުނު ކަމަށް ވިޔަސް ފިލްމުގައި ރާނީ ކުޅެފައިވާ ރޯލަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިން ވެސް ދަނީ ތައުރީފު ކުރަމުންނެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ފިލްމުގައި ރާނީ ކުޅެފައިވާ ޝިވާނީ ޝިވާޖީ ރޯއީ ކިޔާ ފުލުސް އޮފިސަރެއްގެ ރޯލު، މިހާތަނަށް ރާނީގެ އެންމެ ފުރިހަމަ ޕާފޯމަންސްގެ ތެރޭގައި ހިމެނޭނެ އެވެ.
ރާނީގެ ރޯލަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔެއްގެ ތައުރީފު ވެސް ލިބެމުންދާއިރު އެންމެ ބޮޑަށް ރާނީ އަށް ތައުރީފުކުރި އެކަކީ ވަރަށް ހުނަރުވެރި ފިލްމީ ބަތަލާއެއް ކަމަށްވާ ކާޖޮލް އެވެ.
ކާޖޮލް އާއި ރާނީ އަކީ ދެބެންގެ ދެ ދަރި ދެ މީހުންނަށް ވިޔަސް ދެ ތަރިންގެ މެދުގައި ގުޅުން އެހާ ރަނގަޅު ނޫންކަމުގެ ވާހަކައަކީ ޒަމާނުއްސުރެ ބޮލީވުޑުގައި ދެކެވެމުން އައިސްފައިވާ ވާހަކަ އެކެވެ. ނަމަވެސް "މަރްދާނީ 2"ގައި ރާނީ ކުޅެފައިވާ މޮޅު ރޯލަށް ތައުރީފުކުރުމުގައި އެންމެ ކުރީގައި އުޅެނީ ކާޖޮލް ކަމަށް ވުމުން މި ދެ ތަރިންގެ މެދުގައި ޚިޔާފުތަކެއް ނެތް ކަމާއި މިއީ ހަމައެކަނި ފަތުރާ އަޑުއަޑުކަން ވަނީ ޔަގީންވެފަ އެވެ.
"މަޝްހޫރުކަން ނުލިބުނު ހީރޯއެއް އަނެއްކާވެސް 'މަރްދާނީ 2" އިން ފެނިއްޖެ. ރާނީ އަށް ޓަކައި ފަޚުރުވެރިވަން،" ކާޖޮލްގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ވެއެވެ.
ގޯޕީ ޕުތުރާން ޑައިރެކްޓްކޮށްފައިވާ "މަރްދާނީ 2" އަކީ 2014 ގައި ޕްރަދިޕް ސަރްކާރް ޑައިރެކްޓްކުރި "މަރްދާނީ"ގެ ސީކުއަލް އެކެވެ. ކުރީ ފިލްމުގައި ވެސް އެންމެ މުހިއްމު ބައެއް އަދާކުރީ ރާނީ އެވެ.
ރާނީގެ ފިރިމީހާ އަދިތުޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަށް މިހާތަނަށް 18.15 ކްރޯޑު ލިބިފައިވެއެވެ. މިއީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ ފިލްމު މިހާރު ހިނގާ ވަރަށް ކުރިޔަށް އޮތް ހަފުތާގައި ހިނގައިފިނަމަ ފިލްމަށް ކުރި ޚަރަދު ފޫބެދޭވަރު ވާނެ އެވެ.