ބޮލީވުޑް

"ބަންޓީ އައުރު ބަބްލީ 2"ގައި އަބީޝެކް ބައިވެރި ނުވި

"ބަންޓީ އައުރު ބަބްލީ" އަނެއްކާވެސް އެނބުރި ސްކްރީނަށް އަންނަން ކައިރިވެއްޖެ އެވެ. މި ސިލްސިލާގެ ފުރަތަމަ ފިލްމު 2005 ގައި ރިލިޒްކޮށްފައިވާއިރު އެ ފިލްމުގައި ބަބްލީގެ ރޯލު ރާނީ މުކަރުޖީ ކުޅެފައިވާއިރު ބަންޓީގެ ރޯލު ކުޅެފައިވަނީ އަބީޝެކް ބައްޗަން އެވެ. ނަމަވެސް ދެ ވަނަ ފިލްމުގައި އަބީޝެކް ބައިވެރިއެއް ނުވެ އެވެ. އަދި ފިލްމުގެ އިޝްތިހާރުތައް މިހާރު ދައްކަން ފަށާފައިވާއިރު އަބީޝެކް ނެތްކަމުގެ ފަޅުކަން ވަރަށް ބޮޑަށް ފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަބީޝެކްގެ ބަދަލުގައި މިފަހަރު ބަންޓީގެ ރޯލުން ފެންނާނީ ސައިފް އަލީ ޚާނެވެ. އަދި ސިދާންތު ޗަތުރަވޭދީ އާއި ޝަރުވާރީގެ ޒުވާން ޖޯޑު ވެސް މި ފަހަރުގެ ފިލްމުގައި މުހިއްމު ބައެއް އަދާ ކުރާނެ އެވެ.

"ބަންޓީ އައުރު ބަބްލީ 2"ގައި އަބީޝެކް ބައިވެރި ނުކުރީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރެ އެވެ. ހަގީގަތުގައި މި ރޯލަށް އަބީޝެކް ކިތަންމެ ގުޅުނަސް ފިލްމުގެ ޕްރޮޑިއުސަރު އަދި ޔާޝް ރާޖް ފިލްމްސްގެ ހެޑް އަދިތުޔާ ޗޯޕްޅާ އާއި އަބީޝެކްގެ ގުޅުން ގޯސްވެފައި އޮތް ވަރުން އެ ރޯލު އަބީޝެކް ގަބޫލު ނުކުރީ އެވެ.

މި މައްސަލަތައް ދިމާވީ "ދޫމް 3"ގެ ޝޫޓިން ކުރިޔަށް ދިޔައިރު އެވެ. އިންޑިޔާގެ ފިލްމީ ނޫހަކުން ބުނެފައިވާ ގޮތުގައި "ދޫމް 3"ގެ ސްކްރިޕްޓް އިރުއިރުކޮޅަކާ ބަދަލުކޮށް އާމިރު ޚާންގެ ރޯލަށް ބޮޑަށް ސަމާލުކަންދީ އެ ރޯލު ވަރުގަދަ ކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ. ފިލްމުގައި އަބީޝެކް ކުޅެނީ ސަޕޯޓިން އެކްޓަރެއްގެ ރޯލަށް ވިޔަސް އިރުއިރުކޮޅާ ސްކްރިޕްޓަށް ބަދަލުގެނެސް އޭނާގެ ރޯލު ކުޑަ ކުރަން ފެށުމުން އެ ވާހަކަ އަދިތުޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ވިޖޭ ކުމާރު އަޗާރިޔާ ކައިރީގައި އަބީޝެކް ބުންޏެވެ. ނަމަވެސް އެމީހުން އަބީޝެކް ދެއްކި ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ.

ފިލްމުގެ ނިމޭ މަންޒަރުތައް ނެގި ގޮތުން އަބީޝެކްގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުވި އެވެ. އެ މަންޒަރުތައް ޝޫޓްކުރަން އަބީޝެކް ސެޓަށް އައިއިރު ކުރިން ދީފައި އޮތް ސްކްރިޕްޓްގައި އޮތް ގޮތް އޮތީ މުޅިން ބަދަލުކޮށްލާފަ އެވެ. އަދި އަބީޝެކްގެ ރޯލު އޮތީ ވަރަށް ބޮޑަށް ކުރުކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން އެ ދުވަހު އޭނާ އަދިތުޔާ ޗޯޕްޅާ އާ ވަރަށް އަރާރުންވި ކަމަށް ވެއެވެ. އަދި "ދޫމް" ފްރެންޗައިޒްގެ ފިލްމުތައް ދެން ނުކުޅޭނެކަމަށް ވެސް ބުނި ކަމަށް ވެއެވެ.

"ބަންޓީ އައުރު ބަބްލީ 2" އެންމެ ފުރަތަމަ ހުށަހެޅީ އަބީޝެކް އަށެވެ. ނަމަވެސް އޭނާ ގަބޫލު ނުކުރީ އެވެ. އަދިތުޔާ ޗޯޕްޅާގެ އަންހެނުން އަދި "ބަންޓީ އައުރު ބަބްލީ"ގެ ބަތަލާ ރާނީ ވަނީ މި ވާހަކަ ޔަގީންކޮށްދީފަ އެވެ.

ރާނީ ބުނި ގޮތުގައި "ބަންޓީ އައުރު ބަބްލީ 2" ގައި ވެސް ކުރިން ބައިވެރިވާން އޮތީ އޭނާ އާއި އަބީޝެކް އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި އަބީޝެކް އެ ރޯލު ގަބޫލުނުކުރުމުން އެހެން އެކްޓަރަކު ހަމަޖައްސަން ޖެހުނީ އެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު "ބަންޓީ އައުރު ބަބްލީ 2" ސިނަމާތަކުގައި ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.