ފިލްމު ސެޓުގައި ތަރިން އެކަކު އަނެކަކާ ކުރާ މަޖާ ސަމާސާ ތަކުގެ ވާހަކަ ވަރަށް ގިނައިން އިވެ އެވެ. ޕްރިޔަންކާ ޗޯޕްޅާ އާއި އަބީޝެކް ބައްޗަން އެކުގައި ކުޅުނު ފިލްމެއްގެ ސެޓުގައި އަބީޝެކަށް ޕްރިޔަންކާ ވެސް އެގޮތަށް މަޖަލަކަށް ހަދާފައި ލަނޑެއް ދީފައި ވެއެވެ. ތަންކޮޅެއް ކުރިން ދައްކާފައިވާ ސިމީ ގަރެވާލް ޝޯގައި ޕްރިޔަންކާ ވަނީ މި ވާހަކަ ކިޔައިދީފަ އެވެ.
އެ ޝޯގައި ޕްރިޔަންކާ މި ވާހަކަ ކިޔައިދޭ ކްލިޕެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އެބަ އުޅެ އެވެ. މި ވާހަކަ އަނެއްކާ ގިނަ ބަޔަކު ދައްކަމުން ދަނީ އެހެންވެ އެވެ.
މި ވީޑީއޯ ކްލިޕް ފެށޭއިރު ޕްރިޔަންކާ ކައިރި ސިމީ އަހަނީ އޭނާ އާއި އަބީޝެކްގެ މެދުގައި ގުޅުން ރަނގަޅުތޯ އެވެ. ބެލެވޭ ގޮތުގައި މި އިންޓަވިއު ކޮށްފައިވަނީ އަބީޝެކް އާއެކު ޕްރިޔަންކާ ކުޅުނު ފިލްމެއް ރިލީޒް ކުރަން ކައިރިވެފައިވާ ދުވަސްވަރެއްގަ އެވެ.
ޕްރިޔަންކާ ބުނަނީ އަބީޝެކް އަކީ މޮޔައެއް ކަމަށެވެ. އަދި އަބީޝެކްގެ ފޯނު ވަގަށް ނަގައިގެން އޭނާއަށް ޕްރިޔަންކާ ލަނޑެއް ދިން ވާހަކަ ވެސް މި ވީޑީއޯ ކްލިޕްގައި ޕްރިޔަންކާ ވަނީ ކިޔައިދީފަ އެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އެންމެ ފުރަތަމަ ފޯނު ވަގަށް ނެގުމުގެ ކަންތައް ފެށީ އަބީޝެކް އެވެ.
"އަބީޝެކް ފުރަތަމަ މަގޭ ފޯނު ވަގަށް ނަގައިގެން އޭގެ މަތީ އިށީނދެ އިނީ. އެކަމަކު އޭނާއަށް މާ ގިނައިރު ފޯނު ފޮރުވައިގެނެއް ނީނދެވުނު. އެއީ އެތަނުން ތެދުވަން މަޖްބޫރުވީމަ ފޯނު ފެނުނީ،" ޕްރިޔަންކާ ކިޔައިދީފައި ވެއެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އަބީޝެކް ތެދުވެގެން ދިޔައިރު ދިޔައީ އޭނާގެ އަމިއްލަ ފޯނު އެތަނުގައި ބާއްވާފަ އެވެ. އެހެންވެ އޭނާ ފޯނު ފޮރުވައިގެން އުޅެފައި އެހެން ބަތަލާއަކަށް އެ ފޯނުން މެސެޖު ފޮނުވީ އެވެ.
"ކޮންތާކުހޭ ތި އުޅެނީ. ވަރަށް މިސްވެޔޭ. އަހަރެން ބޭނުމޭ..." އެ ބަތަލާއަށް އަބީޝެކް ފޯނުން ޕްރިޔަންކާ ފޮނުވި މެސެޖުގައި ލިޔުނު މެސެޖުގައި ވެއެވެ.
ޕްރިޔަންކާ މިހެން ބުނުމުން އެ މެސެޖު ފޮނުވީ ރާނީ މުކަރުޖީއަށް ތޯ ސިމީ ސުވާލު ކުރުމުން ޕްރިޔަންކާ އެ ވާހަކައާ އެއްބަސްވި އެވެ.
އެންމެ މަޖާ ކަމަކީ އެ މެސެޖު ފެނިގެން ފަހުން ރާނީ ވެސް އަބީޝެކަށް މެސެޖު ކުރި އެވެ.
"ހޭ އޭބީ. ކިހިނެއް ވެގެން ތިއުޅެނީ؟" ރާނީ ފޮނުވި މެސެޖުގައި ލިޔެފައި ވެއެވެ.
ޕްރިޔަންކާ އާއި އަބީޝެކް "ބްލަފްމާސްޓާ" އާއި "ދޯސްތާނާ" ގައި އެކުގައި މަސައްކަތް ކޮށްފައި ވެއެވެ. ރާނީ އާއި އަބީޝެކް ހަތަރު ފިލްމެއް އެކުގައި ކުޅުނެވެ. "ޔޫވާ" އާއި "ބަސް އިތުނަ ސާ ޚާބް ހޭ"، "ބަންޓީ އައުރު ބަބްލީ" އަދި "ހަމް ތުމް" ގައެވެ. މީގެ ތެރެއިން "ހަމް ތުމް"ގައި އަބީޝެކް ކުޅުނީ މެހެމާނެއްގެ ރޯލެވެ.