ރައްޔިތުންގެ މަޖިލިސް

ކޮމިޓީގައި ހުރި ބިލްތައް އަވަސްކުރުމަށް އެދިވަޑައިގެންފި

Oct 25, 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ބިލުތައް ހުށަހެޅުން ލަސްވެގެން މަޖިލީހުގެ ގާނޫނީ މަސައްކަތް ނުކުރެވޭ ކަމުގެ މަންޒަރު އެމަނިކުފާނަށް ސިފަވެވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުން ބިލްތައް ނުފޮނުވައިގެން ރައީސް ނަޝީދު ކަންބޮޑުވެވަޑައިގަންނަވާއިރު މަޖިލީހުގެ ކޮމިޓީތަކުގައި މިހާރުވެސް 33 ބިލެއްގެ މަސައްކަތް ނުނިމި އެބައޮތެވެ. އެ ބިލްތަކުގެ ތަފްސީލް ރައީސް ނަޝީދު މިއަދު ވަނީ ހިއްސާކުރައްވާފަ އެވެ.

ކޮމިޓީތަކުގައި ހުރި ބިލްތައް

  • ޖޮއިންޓް ކޮމިޓީ - 7 ބިލު
  • ޖުޑީޝަރީ ކޮމިޓީ - 5 ބިލު
  • ލާމަރުކަޒީ ކޮމިޓީ - 5 ބިލު
  • އިޖުތިމާއީ ކޮމިޓީ - 4 ބިލު
  • ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ - 4 ބިލު
  • އިގުތިސޯދީ ކޮމިޓީ - 2 ބިލު
  • ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ - 2 ބިލު
  • ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ - 2 ބިލު
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ - 1 ބިލު
  • މާލިއްޔަތު ކޮމިޓީ - 1 ބިލު

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް 32 ބިލެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ. އެގޮތުން ޝަރުއީ، ގާނޫނީ، އިޖުތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލްތައް ހިމެނެ އެވެ.

ބިލްތައް ފޮނުވުން ލަސްވާ މައްސަލާގައި ސުވާލުކުރުމުން ބިލްތައް މަޖިލީހަށް ފޮނުވުން ލަސްވެފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އިދާރާތަކުން ބުނެ އެވެ.