މަޑަވެލި

މަޑަވެލި - ހޯޑެއްދޫ އެއްފަސްކުރަން ގަރާރެއް

ގދ. މަޑަވެލި އަދި އެއަތޮޅު ހޯޑެއްދޫ އެއްފަސްކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް އެދި މަޑަވެލި ކައުންސިލުން ގަރާރެއް ފާސްކޮށްފި އެެވެ.

މަޑަވެލި ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި ބުނީ މަޑަވެއްޔާއި ހޯޑެއްދޫ އެއްފަސްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެ ވައުދު ފުއްދާފައި ނުވާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ މަޑަވެއްޔަކީ ބިން ދަތި ރަަށަކަށް ވެފައި އެއް ގޯއްޗެއްގައި ގިނަ އާއިލާތަކެއް އުޅެމުންދާ ރަށެއް ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި މަޑަވެލި ހޯޑެއްދޫ އެއްފަސްކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ގދ. މަޑަވެއްޔާއި ހޯޑެއްދޫ އޮންނަނީ ކޯޒްވޭއަކުން ގުޅާލާފަ އެވެ. ނަމަވެސް މިވަގުތު އެ ކޯޒްވޭ އޮތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކަނޑާލާފަ އެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ހަރުދުކޮށްގެން ހެދި މަޑަވެލި ކޯޒްވޭ 2018 ވަނަ އަހަރުވެސް ހޯޑެއްދޫ ރައްޔިތުން ނިކުމެ ކަނޑާލި އެވެ. އަދި އޭގެ ފަހުން އެ ކޯޒްވޭ އަލުން މަރާމާތުކޮށް ގުޅުވާލިފަހުން މިިދިޔަ އޮގަސްޓު މަހު ވަނީ ކޯޒްވޭގެ ހޯޑެއްދޫ ސަަރަހައްދުން ބައެއް އަނެއްކާވެސް ކަނޑާލާފަ އެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ މަހު ބުނީ އަލުން ކޯޒްވޭ ހަދާނީ އުދައެރުމުގެ މައްސަލައަށް ރިއާޔަތްކޮށް އެ މައްސަަލަތަކަށް ހައްލު ގެނެވޭފަދަ ގޮތަަކަށް ބަލައި މުޅިން އާ ޑިޒަައިނަކަަށް ކަމަށެވެ. އަދި ކޯޒްވޭ އަލުން ހެދުމަށް ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.