އެޗްޑީސީ

ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް އެޅުމުގެ ބޮޑު މަޝްރޫއެއް

Dec 3, 2015
7
  • ޒުވާން މުވައްޒަފުންނަށް އިސްކަން ދޭނެ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭ
  • 408 ފްލެޓް ހާއްސަ ކުރާނެ

ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި 408 ފްލެޓް އެޅުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި އެތަނުގެ މަސައްކަތްތައް ފަށައިފި އެވެ.

އެ ކުންފުނިން އަމިއްލައަށް ފްލެޓް ތަރައްގީކޮށް ވިއްކުމަށް ޓަކައި "ހިޔާވަހީ"ގެ ނަމުގައި މުޅިން އަލަށް ފަށާ އެ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަ ކުރެވޭ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށައި ގިނަ ދުވަސްތަކެއް ނުވެ މާކެޓަށް ނެރޭނެ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ. އެ ޕްރޮޖެކްޓް އިއުލާން ކުރުމުގެ ގޮތުން ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ އެއް ކޮޓަރި އާއި ދެކޮޓަރި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށެވެ.

އެ ފްލެޓްތަކުގެ ތެރެއިން ބައެއް ހާއްސަ ކުރާނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ ޒުވާން އުމުރު ފުރާގެ ކުދިންނަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް މިހާރު ވަނީ ހަމަޖެހިފަ އެވެ،" އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ފްލެޓްތަކަށް ކުރިމަތިލެވޭނެ އުސޫލުތަކާއި ވިއްކާނޭ އަގުތައް ވެސް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ. އަދި ފްލެޓްތަކަށް ކުރިމަތިލާން ވަރަށް އަވަހަށް މާކެޓަށް ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީ އިން ބުނި ގޮތުގައި އެ ކުންފުނިން އަމިއްލައަށް ފްލެޓް އެޅުމަށް މި ފަށައި ޕްރޮޖެކްޓްގެ ދަށުން އެހެން މާކެޓް ސެގްމެންޓްތަކަށް ހާއްސަކޮށްގެން ވެސް ފްލެޓް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން ހުޅުމާލޭ ދެވަަނަ ފިޔަވަހީގެ ދަށުން ސަރުކާރުގެ ފަރާތުން ހުޅުމާލެ 10،120 ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.އެ މަޝްރޫއުގެ ދަށުން އާދައިގެ ހައުސިން ޔުނިޓުގެ ގޮތުގައި އިމާރާތްކުރަނީ 7،120 ހައުސިން ޔުނިޓެވެ. އަދި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި 3،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ އެވެ.