ރައީސް މުހައްމަދު ނަޝީދު

މޯގޭޖުކޮށްފައިވާ 76 ރަށް ވިއްކާ ނުލެވި އެބައޮތް: ނަޝީދު

Oct 25, 2021

ބޭންކުތަކުގައި ދަރަނި އަދާނުކުރޭ ގޮތުގައި މޯގޭޖްކުރެވިފައި 76 ރަށެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޭންކުތަކުގައި ދަރަނި އަދާނުކުރޭ ގޮތުގައި މޯގޭޖްކުރެވިފައި 76 ރަށެއް އެބައޮތް ކަމަށެވެ. އެކަމަކު އެ ރަށްތަކުގެ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

އެ ރަށްތަކަށް އިންވެސްޓްކުރާނެ އެހެން އިންވެސްޓަރުން ބޭންކްތަކަށް ހޯދެން އޮތީ މޯގޭޖް ވިއްކާލައިގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަމަކު ރަށްތައް ވިއްކާލުމަށް ބޭނުންކުން މަސައްކަތްކުރާ ކޮންމެ ފަހަރަކު ގާނޫނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބޭންކުތަކުންނާއި ކޯޓުތަކުން އަދި ވަކީލުން ވެސް ބުނަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މަޖިލީހުގެ ކޮމިޓީތަކުގައިވާ ބިލްތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް އެދިވަޑައިގެންނެވި އެވެ. ވަކިން ހާއްސަކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވާ އިފްލާސް ކުރުމުގެ ބިލާއި، މަދަނީ އިޖުރައާތުގެ ބިލްގެ އިތުރުން ހެއްކާ ބެހޭ ބިލް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ ތިން ބިލަކީ ވިޔަފާރީގެ ހަޔާތް އަދި ވިޔަފާރީގެ އެކިއެކި މުއަމަލާތްތައް ބާރަށް ހިންގުމަށް ވަރަށް މުހިއްމު ބިލްތަކެއް ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުންތައް މިހާރު ވެސް ކޮންމެ ދުވަހަކު ބާއްވަމުންދާ ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދުވާލު ދެ ފަހަރު ކޮމިޓީ ބާއްވައިގެން ނަމަވެސް ބިލްތައް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ބޭންކުތަކުގައި ދަރަނި އަދާނުކުރޭ ގޮތުގައި މޯގޭޖްކުރެވިފައި ރަށްތައް ވިއްކުމަށް އިއުލާން ކުރުމުން އެފަދަ ރަށްތަކަށް އިންވެސްޓަރުންގެ ފަރާތުން ލިބޭ ޝައުގުވެރިކަން ކުޑަކަމާއި އަދި ލިބޭ އަގުތައް ވެސް ކުޑަކަން ބޭންކުތަކުން ފާހަގަކުރެ އެވެ. ނަމަވެސް މޯގޭޖްކުރާ ރަށްތައް މީގެކުރިން ވެސް ބޭންކުތަކުން ވިއްކާފައިވެ އެވެ.