ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަރު ޖެނަރަލް މރ. ގްރިޝް ޗަންދްރަ މުރްމު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއެކު މިއަދު ބޭއްވެވި ބައްދަލްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ އޮޑިޓާއި ގުޅުންހުރި އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓަރ ޖެނަރަލް ފަދަ ތަޖުރިބާކާރު ބޭފުޅަކު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނަރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ. ހާއްސަކޮށް ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި ސިއްހީ އަދި ތައުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން އޯޑިޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަށްވެސް އޭނާ ވަމނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
އެގޮތުން ތިމާވެށީގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި އިންޑިއާގެ ކޮމްޕްޓްރޯލަރު އެންޑް އޮޑިޓާ ޖެނަރަލް ވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި މެދު ސޮއިކުރައްވާފައިވާ ބައެއް އެމްއޯޔޫ ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި އެމްއޯޔޫ ތަކުން ލިބިގެންދާނެ ފައިދާތަކާއި ގުޅޭގޮތުންވެސް އެ ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ