ވިލިމާލެއާ ގުޅުންހުރި ބައެއް މައްސަލަތައް އެޖެންޑާ ކުރުން ފަސް ކުރަމުންދާ ކަމަށް ވިދާޅުވެ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ދެއްކެވި ވާހަކަތައް މާލެ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.
ޕީޕީއެމް ތަމްސީލު ކުރައްވާ ކައުންސިލަރު ނަހުލާ އަލީ ގެންދަވަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އެ ގޮތުން ސިނަމާލެ ފްލެޓާ ގުޅޭ މައްސަލައެއް އެޖެންޑާކޮށްދޭން އެދުމުން އެކަން ފަސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި "ސޭވް ދަ ބީޗް" އާ ގުޅޭ މައްސަލައެއްވެސް އެޖެންޑާ ނުކުރި ކަމަށް އޭނާ ވިދާޅުވެއެވެ.
އެކަމާއި ގުޅިގެން އަވަސްއާ ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ ސިޓީ ކައުންސިލްގެ މި ދައުރު ފެށުމާއެކު ކައުންސިލުން ކުރާނެ ހުރިހާ މަސައްކަތެއް ހިމެނޭ އެކްޝަން ޕްލޭނެއް ކައުންސިލަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. އެ ޕްލޭންގައި މާލޭގެ ހުރިހާ އަވަށަކަށް މުހިންމު ކަންކަން ވަނީ ހިމަނާފައެވެ. އަދި އެއީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންނަށް މުހިންމު ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ނަހުލާ ހުށައަޅުއްވާ ކަންކަމަކީވެސް އެކްޝަން ޕްލޭންގައި ހިމެނޭ އަދި ފާސްކޮށްފައިވާ ކަންކަމެވެ.
"ނަހުލާ މި މަސައްކަތް ކުރައްވަނީ އެއީ އޭނާ ހުށައަޅުއްވާ ކަންކަމުގެ ގޮތުގައި ދައްކަވަން. ނަމަވެސް އެ ހުށައަޅުއްވާ ކަންކަމަކީ މާކުރީން ފާސްކޮށްފައިވާ ކަންކަން. ހަގީގަތުގައި އެކަންކަން ތަންފީޒުކުރުމަކީ މިހާރު ކައުންސިލަރުގެ ޒިންމާއެއް. މޭޔަރާއި ހަމައަށް ދިއުމުގެ ކުރީން ކައުންސިލަރު އަދާކުރަން ޖެހޭ ދައުރުވެސް އަދާނުކޮށް އެކްޝަން ޕްލޭންގައި ހިމަނާ ފާސްކޮށްފައިވާ ކަންތައްތަކެއް ހުށައަޅުއްވަނީ. މިއީ ވަރަށް ދެރަ ކަމެއް،"
އޮފިޝަލް ވިދާޅުވި ގޮތުގައި ކޯޓްގައި އޮތް މައްސަލައެއްވެސް އެޖެންޑާ ނުކުރި ކަމަށް ވިދާޅުވެ ނަހުލާ ގެންދަވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންނެވެ. އޮފިޝަލް އެ އިޝާރާތް ކުރަނީ "ސޭވް ދަ ބީޗް" އާ ގުޅޭ މައްސަލައެކެވެ. އަދި މޭޔަރާއި ގުޅޭގޮތުން ނަހުލާ ދައްކަވަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ވަރަށް ގިނަ ސިޔާސީ ޕާޓީތަކުގައި ކުރީން މަސައްކަތް ކޮށްފައިވާ ނަހުލާ އަލީއާ އޭނާ މިހާރު ނިސްބަތްވާ ޕީޕީއެމާއިވެސް އޮތީ ގުޅުން ގޯސްވެފައެވެ. ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އޭނާ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.
ޕީޕީއެމުން 2024 ވަނަ އަހަރުގެ ނިޔަލަށް ބާއްވާ އެއްވެސް އިންތިހާބެއްގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އޭނާ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް އަމަލުކުރެއްވުމުންނެވެ. އެ ނޫންވެސް ބައެއް ޝަކުވާ ނަހުލާއާ ދެކޮޅަށް ހުށައަޅާފައިވެއެވެ.
މާލެ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ނަމަވެސް ޕީޕީއެމްގެ އެހެން ކައުންސިލަރުންނާއި ނަހްލާއާ ގުޅުން ކުޑަ ކަމަށް ވަރަށް ގިނަ ކައުންސިލަރުން ވިދާޅުވެއެވެ.