ވިލިމާލޭގައި ބެޓެރީ ޓެކްސީގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރު މިއަދު ވިދާޅުވީ މި ހަފްތާގެ ތެރޭގައި 10 ބެޓެރީ ނުވަތަ އިލެކްޓްރިކް ކާރު ހޯދުމަށް އިއުލާނުކުރާނެ ކަމަށެވެ. ޓެކްސީގެ ހިދުމަތް ދިނުމަށް ގެންނަ 10 ކާރުގެ ތެރޭގައި ވޭން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ވިލިމާލެއަކީ ބަގީގެ ހިދުމަތް ދޭ ރަށަކަށްވާއިރު ބަގީގައި ނުގެންދެވޭ ތަކެތި ވެސް ހުންނާތީ ރައްޔިނުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ދިނުން ވަރަށް މުހިންމު ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މޭޔަރު އިތުރަށް ވިދާޅުވެފައި ވަނީ ވިލިމާލޭގައި މިހާރު ދެމުން އަންނަ ބަގީ ސާވިސްގެ ހިދުމަތް ހުއްޓިފައިވާ ކަމަށެވެ. އެ ހިދުމަތް ދިނުމަށް އިތުރު މީހަކު ހޯދުމަށް އައުލާނުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެ ހިދުމަތް ދެމުން އަންނަ ފަރާތާއި މަޝްވަރާކޮށް، ކައުންސިލުން ކޮށްދޭން ޖެހެނީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަން ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ބަގީގެ ހިދުމަތް އަވަށް ފެށުމަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނަލެވެ. މުއިއްޒު ވިދާޅުވެފައި ވަނީ ޓެކްސީގެ ހިދުމަތް ވިލިމާލޭގައި ތައާރަފްކުރި ނަމަވެސް އެ ކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެކަން ކައުންސިލުން ކުރާނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.