ލައިފްސްޓައިލް

އަޑުނީވޭތީ ޑޮކްޓަރަށް ދެއްކިއިރު ކަންފަތުގައި ފައިދިގު މަކުނެއް

ޗައިނާގެ އަންހެނެއްގެ ކަންފަތުގެ ތެރޭގައި އެއްރޭ ހަތަރު ދަމު ފައިދިގު މަކުނެއް އިނދެއްޖެ އެވެ.

ޔީ ނަމަކަށް ކިޔާ މި އަންހެން މީހާގެ ވާހަކަ އެ މީހާ ދިރިއުޅޭ ހުނާން ޕްރޮވިންސްގެ ޒައުޒައު އަވަށުގައި މިހާރު ވަނީ ވަރަށް މަޝްހޫރުވެފަ އެވެ.

ޔީ ޑޮކްޓަރަށް ދައްކަން ދިޔައީ ކުރީ ރޭއްސުރެ ކަންފަތަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއްވެ ޒާތެއްގެ އަޑުތަކެއް ކަންފަތު ތެރޭން ކިޔާތީ އެވެ.

ޑޮކްޓަރަށް ދެއްކި ދުވަހުގެ ކުރީ ދުވަހު ޔީ ވަރަށް ގިނަ ވަގުތު ބޭރުތެރޭގައި އުޅުނެވެ. އޭނާގެ ކަންފަތަށް ފުރަތަމަ އުނދަގޫ ވާން ފެށީ ބޭރުގައި ހުއްޓަ އެވެ.

ޔީގެ ކަންފަތް އެންމެ ފުރަތަމަ ވަރަށް ބޮޑަށް ހިރުވަން ފެށި އެވެ. ފުރަތަމައިނުން އޭނާ އެކަމާ އެހާ ބޮޑަށް އަޅައެއް ނުލަ އެވެ. ނަމަވެސް ކަހާވަރުން ކެތް ނުވުމުން ޑޮކްޓަރަށް ދައްކަން ދިޔައީ އެވެ. ޔީ ހީކުރީ އޭނާގެ ކަންފަތުގައި އިންފެކްޝަނެއް ހުރީ ކަމަށެވެ.

ނަމަވެސް ޔީގެ ކަންފަތް ޑޮކްޓަރު ޗެކް ކުރުމުން ކަންފަތު ތެރެ ބްލޮކްވެފައި އިންކަން އެނގުނެވެ. އަދި ބްލޮކް އަކީ ފައިދިގު މަކުނެއް ކަން އެނގުމުން ޑޮކްޓަރަށް ވެސް ލިބުނީ ޝޮކެކެވެ. ޔީގެ ކަންފަތުގެ ޓިމްޕެނިކް މެމްބްރޭންގައި ފައިދިގުމަކުނު ހިރޭތަން ފެނުމުން ކެމެރާ ލައްވައިގެން އިތުރަށް ބަލަން ޑޮކްޓަރު ގަސްތުކުރި އެވެ.

ކެމެރާ ލެއްވުމުން އެ ފައިދިގު މަކުނު ކެމެރާގެ ލެންސާ ކައިރިއަށް އައެވެ. އެސޮރު ލެންސް ކައިރިއަށް ޖެހިލުމުން މާ ބޮޑު އެއްޗެއް ގޮތަށް އޭތި ފެނުނު ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. ޑޮކްޓަރު ލަފާ ކުރާ ގޮތުގައި ކުރީ ރޭގެ ހަތަރުދަމު ވެސް އެ ފައިދިގު މަކުނު އިނީ ޔީގެ ކަންފަތް ތެރޭގަ އެވެ.

އިލެކްޓްރިކް އޮޓޮސްކޯޕިކެއްގެ އެހީގައި ޑޮކްޓަރު ފަހުން އެ ފައިދިގު މަކުނު ޔީގެ ކަންފަތުން ނަގައިދިނެވެ. އަދި މި މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެފައިވެ އެވެ.