ބޮލީވުޑް

ރާއްޖޭގައި ޝާހިދު ކަޕޫރު ނެގި ހިތްގައިމު ފޮޓޮއެއް

ބޮލިވުޑް އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ އާއި ދެ ދަރިންނާ ވަނީ ރާއްޖޭގައި ދާދިފަހުން ޗުއްޓީ ހޭދަކޮށްފަ އެވެ. ރާއްޖޭން އެނބުރި ދިއުމަށްފަހު ޝާހިދު ވަނީ ރާއްޖޭގައި ނަގާފައިވާ ވަރަށް ހިތްގައިމު ފޮޓޮއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

މި ފޮޓޮއަކީ ޝާހިދާއި އޭނާގެ ދެ ކުދިން އަތްމައްޗަށް އުފުލާލައިގެން ދޮންވެލިގަނޑެއް މަތީގައި ތިއްބާ ވަރަށް ދުރުން ނަގާފައިވާ ވަރަށް ރީތި ފޮޓޯ އެކެވެ. މިއީ ޑްރޯން އަކުން ނަގާފައިވާ ފޮޓޮއެއް ކަމަކަށް ބެލެވެ އެވެ. ސަބަބަކީ މޫދާއި އުޑު ވެސް ވަރަށް ރީއްޗަށް ދުރަށް ފެންނަން އޮތީމަ އެވެ.

މި ފޮޓޯއާއެކު ޝާހިދު ޝެއާކުރި ލިޔުމުގައި ބުނެފައިވަނީ ޗުއްޓީ އަކީ ހަމައެކަނި ލޯބިވާ މީހުންނާއި ގުދުރަތީ ކަންކަމާއެކު ހޭދަކުރާ ވަގުތުތަކެއް ކަމަށެވެ.

ފޯނެއް ވިޔަސް އަދި އެހެން އެއްޗެއް ވިޔަސް މިފަދަ ދަތުރުތަކުގައި ބޭނުން ނުވާ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނެތަސް އާއިލާއާ އެކު ހޭދަކޮށްލާ މިފަދަ ޗުއްޓީތަކުން އުފާވެރިކަން ލިބޭކަން ޝާހިދު ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ޝާހިދު އޭނާގެ އާއިލާއާއެކު އިންޑިޔާއަށް އެނބުރި ގޮސް އެއާޕޯޓަށް ފޭބި ވަގުތު މީރާ ލައިގެން ހުރި ހެދުމަކަށް ގިނަ ބަޔަކު އޭނާއަށް ވަނީ މަލާމާތް ކޮށްފަ އެވެ.

މުމްބައި އެއާޕޯޓުން ނުކުމެގެން އައިއިރު މީރާ ލައިގެން ހުރީ ވަރަށް ކުރު ސޯޓުބުރި އެކެވެ. އެހެންވެ ސޯޝަލް މިޑިއާގައި އޭނާއަށް ޓްރޯލް ކުރުމުގައި ބައެއް މީހުން ވަރަށް ވަރު އަރުވާލި އެވެ.

އެއްބަޔަކު ބުނީ ދަރިން ބޮޑެތިވާ ވަރަކަށް މީރާގެ ހެދުން ވަނީ ކުރު ކަމަށެވެ. އަނެއް ބަޔަކަށް މައްސަލައަކަށް ވީ އަންހެން ދަރިފުޅު މީޝާ ދިގު ހަރުވާޅެއް ލައްވާފައި މީރާ ކުރު ސޯޓުބުރިއެއް ލައިގެން ހުރީމަ އެވެ.